ވިލިމާލެ ފަރަށް ބްރިޖްގެ ސާވޭ ޕްލެޓްފޯމް އެރި ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްނުވާނެ ކަމަށް ޕްލޭނިންގެ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ އެ ޕްލެޓްފޯމު ވިލިނގިލި ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ އެސެސްމަންޓެއް ހަދަމުންދާ ކަމަށާއި ފަރަށް ލިބުނު ގެއްލުމާއި ޖޫރިމަނާގެ އަދަދު އެނގޭނީ އެ ސާވޭއަށް ފަހު ކަމަށެވެ. އަދި އޭގެ ސަބަބުން އެ ޕްރޮސެސް ކުރިއަށްދިޔަ ކަމުގައި ވިޔަސް އެއީ ބްރިޖްގެ މަސައްކަތް ލަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ޑިސްޕިއުޓެއް އޮވެދާނެ ތިމާވެއްޓަށް ގެއްލުމެއް ވީކަމަށް ވަންޏާ ވީ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން، އަދި އެހިސާބަކަށް ނުދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަހުގެ ދެވަނަ ދުވަހު އެ މަޝްރޫއުގެ ބިންގާވަނީ އަޅުއްވާފަ އެވެ.