ލިވާތުގެ ކުށާއި ސިހާގުގެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުށަހެޅީ ސިޔާސީ ގޮތުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތުގެ ކުށާއި ސިހާގުގެ ކުށް ހިމަނަން ގާސިމް ހުށަހެޅުއްވި އިސްލާހާ ގުޅިގެން ކުރެއްވި ޓްވީޓްގަ އެވެ.
ޑރ. ޖަމީލު ވިދާޅުވީ އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ކުށްތައް އާންމުވިއިރު ތިބީ ސަރުކާރުގައި ކަމަށާއި ތެދު ނިޔަތެއް އޮތް ނަމަ ބިރަކާނުލައި މަޖާކުރާ ފިކުރާ އެކު މި ހިސާބަށް ބޮއްސުންލައި ދިޔައިރު ނުތިބޭނެ ކަމަށެވެ.
"ތެދު ނިޔަތެއް އޮތް ނަމަ ބިރަކާ ނުލައި މަޖާކުރާ ފިކުރާ އެކު މި ހިސާބަށް ބޮއްސުންލައި ދިޔައިރު ނުތިބޭނެ. ގަބޫލު ކުރެވެނީ ކޯލިޝަންގެ ބައިވެރިން ތިޔައީ ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ކުށްތައް އާންމުވި އިރު، އެފަދަ ކަންކަން ހުއްޓުމުގެ ތެދު ނިޔަތެއް ސަރުކާރުގައި ނެތް ކަމަށެވެ.
ރާއްޖޭގައި މި ފަހުން އެންމެ ބޮޑު އެއް މައްސަލަ އަކީ ބަންގްލަދޭޝްގެ ފިރިހެނަކާ އެކީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ބައެއް މީހުންނާއި ސިޔާސީ ގޮތުން ވެސް ނުފޫޒު ގަދަ ބައެއް މީހުން އެއްޖިންސުން ގުޅުން ހިންގި މައްސަލަ އެވެ. އެފަދަ ވީޑިއޯތަކެއް އާންމުވެ ބަޔަކު ބޭޒާރުވެފައިވާ އިރު، މިކަމާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.