ގޭސްޓްރައިޓިސް ނުވަތަ ބަނޑުގައި ވައި ހެދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެގޮތުން އެންމެ ތުއްތު ކުއްޖާއިން ފެށިގެންގޮސް އުމުރުން ދުވަސްވެފައި ތިބޭ މީހުންނަށްވެސް އެ އުނދަގޫ ޖެހެ އެވެ.
ވައިގެ މައްސަލައަކީ ގޭގައިވެސް ވަރަށް ފަސޭހަ ކަމާއެކު ފަރުވާ ކުރެވިދާނެ މައްސަލަ އެކެވެ. އެގޮތުން ބަނޑުގައި ވައިހެދި އުނދަގޫވާނަމަ ގެއިން ދެވިދާނެ ބައެއް ފަރުވާތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.
ކުރުނބާ ފެން
ގޭސްޓްރައިޓިސް ވެއްޖެނަމަ އެކަމަށް ލުއިކަމެއް ހޯދުމަށް ކުރުނބާ ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ކުރުނބާ ފެން ބޭނުންކުރާއިރު އެއްފަހަރާ ބޭނުން ކުރުމުގެ ބަދަލުގައި ދެތިން ހަތަރު ފަހަރެއްގެ މައްޗަށް ބަހާލައިގެން އިރުއިރުކޮޅާ ބޭނުން ކުރާށެވެ.
އިނގުރު
އިގުރު ޕައުޑަރު ކޮޅަކާއި ރޮކް ސޯލްޓް އަދި އަސަފެޓިޑާ ކޮޅެއް ތާފެނާ ފެންފޮދަކަށް އަޅައި އެއްކޮށްލުމަށްފަހު ބޯލުމުން ވެސް ވައިގެ އުނދަގުލަށް ލުއިކަމެއް ލިބޭނެ އެވެ.
ފަޅޯ
ފަޅޮލަކީ ވެސް ވަޔަށް ފަރުވާ ހޯދައިދޭ މޭވާ އެކެވެ. އެގޮތުން ދޮން ފަޅޮލަކަށް ކުޑަކުޑަ ލުނބޯ ހުތްކޮޅެއް ޖެހުމަށްފަހު ކާލުމުންވެސް ލުއިކަމެއް ލިބޭނެ އެވެ.
ކެބެޖު ޖޫސް
ކެބެޖު ޖޫހަކީވެސް ވައިގެ ކަންތަކަށް ލުއިކަމެއް ހޯދައިދޭ ބުއިމެކެވެ. އެގޮތުން ކެބެޖު ކޮޅެއް ކޮށާލުމަށްފަހު ގްރައިންޑަރުން ނުވަތަ ޖޫސާއެއް ބޭނުންކޮށްގެން އޭގެން ޖޫސް ތައްޔާރުކޮށްލާށެވެ. ބޭނުންނަމަ އެއަށް ކެރެޓު ފަދަ ތަރުކާރީއެއްވެސް އެއްކޮށްލައިގެން ބޭނުން ކުރެވިދާނެ އެވެ.