އެމެރިކާގެ އޮކްލަހޯމާގައި ހިންގާ ޓީވީ ޗެނަލެއް ކަމަށްވާ ޓަލްސާ އެންބީސީގެ ނޫސްވެރިޔަކު އޮން އެއާގައި ހަބަރު ހުށައަޅައިދެމުން ދަނިކޮށް ސްޓްރޯކެއް ޖެހިއްޖެ އެވެ.

މިިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ޖޫލީ ޗިން ނަމަކަށް ކިޔާ މި ނޫސްވެރިޔާއަށް ވަނީ އޮން އެއާގައި ހަބަރު ކިޔުމަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވެފަ އެވެ. އެގޮތުން ބަސްތައް އޮޅި ވާހަކަ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވި އެވެ.

"އަހަރެންގެ ހާލު މިއަދު އެހާ ރަނގަޅެއް ނޫން، އެންމެންގެ ކިބައިން މައާފަށް އެދެން، މިހާ ހިސާބުން މޫސުން ކުރިއަށް ލަފާކުރާ ގޮތް ގެނެސްދޭނަން" ޖޫލީ ބުނެ އެވެ.

މޫސުން ލަފާކުރާ ގޮތް ގެނެސް ދިނުމަށްފަހު ޖޫލީ އަލުން އަނބުރާ އޮން އެއާއަށް އަރާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާއާއެކު މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ވަނީ އިމަޖެންސީ 911 އަށް ގުޅައި ވަގުތުން ސިއްހީ އެހީ ހޯދާފަ އެވެ.

އާދީއްތަ ދުވަހު ހެނދުނު ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ޖޫލީ ވަނީ އޭނާގެ ސިއްހަތު ރަނގަޅު ކަމަށާއި ރިޕޯޓުތައް ދައްކާ ގޮތުން އޭނާއަށް ކުރިމަތިވީ ސްޓްރޯކެއް ޖެހުމުގެ ފުރަތަމަ އަލާމަތްތައް ކަމަށެވެ. އަދި ވަގުތުން ފަރުވާ ލިބުނީތީ އެހާ ސީރިއަސް ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

" އަހަރެން އަބަދުވެސް ބުނަން އަހަރެން މަސައްކަތްކުރަނީ އެންމެ "ބެސްޓް" ޓީމްއާއެކުގައޭ. މިއީ އެކަމަށް އޮތް ހެއްކެއް" ޖޫލީއާއެކު މަސައްކަތްކުރާ ޓީމަށް ޝުކުރު އަދާ ކުރަމުން އޭނާ ބުންޏެވެ.

ޖޫލީ އިތުރަށް ބުނީ އެދުވަހުގެ ހަބަރު ފެށުނު އިރުވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި އެހެން ނަމަވެސް ވާހަކަ ދައްކަން އުނދަގޫވެ ހާލު ދެރަވީ މަދު މިނެޓުކޮޅެއްގެ ތެރޭގައި ކަމަށެވެ.

"ހަބަރު ފެށުނުއިރު ވެސް ހާލު ރަނގަޅު. އެކަމަކު ޝޯވް ފެށުނު ފަހުން އެއްލޮލުގެ ފެނުން ފުސްވެ ވައަތު އަތްފައިގެ އިހުސާސް ކެނޑުނު. ދެން ހީވީ ދުލުގެ ބާރު ދޫވާހެން" ޖޫލީ ކިޔައިދިނެވެ.

މި ހަބަރު ބުލެޓިންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ ޖޫލީއަށް ތައުޒިއާގެ މެސެޖުތައް ފޮނުވަމުންނެވެ.

ސްޓްރޯކެއްގެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި އެއްލޯ ނުވަތަ ދެލޯ ފުސްވުމާއި އަތްފައި އައްސިވެ އިހުސާސް ކެނޑުމުގެ އިތުރުން ދުލުން ވާގި ދިއުން ހިމެނެ އެވެ.