މިދިޔަ އަހަރު ގއ. މާމެންދޫގައި މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު މާމެންދޫގައި ހިނގި މާރާމާރީއެއްގައި މަރުވެފައިވަނީ އެރަށު ލީލީ އޮފް ދި ވެލީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ.

މި މައްސަލާގައި ޖުމްލަ ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން އެކަކަކީ ކުޑަކުއްޖެކެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި މިހާތަނަށް ކުށް ސާބިތުވެފައި ވަނީ އެ ކުއްޖާގެ މައްޗަށެވެ. އެ ކުޑަކުއްޖާއާ ގުޅުންހުރި އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ދައުވާ އެވެ. މި ދެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވެ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ.

އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ކުށް ސާބިތުވި ކުޑަކުއްޖާގެ އިތުރުން ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އެވެ.

މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިހާރު އޮތީ ހެކިބަސް ނެގުމާއި ހަމައިގަ އެވެ.

އުދައްޔު މަރުވީ ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށެވެ