ތެހްރާން (20 ސެޕްޓެމްބަރު) ތެހްރާންގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުން އާއްމުންގެ ހަތަރު މީހަކު މަރާލާފައިވާ ކަމަށް އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފި އެވެ.
ބުރުގާ އެޅުމުގެ މިންގަނޑުތަކާ ޚިލާފުވި ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި އަންހެނެއް ކަމަށްވާ މަހްސާ އަމީީނީގެ މަރާއެކު އެގައުމުގެ ގިނަ އަންހެނުންތަކެއް ވަނީ ބުރުގާއާ ނުލައި މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ފަށައިފަ އެވެ.
މަހްސާ މަރުވީ ހައްޔަރުގައި ހުރިއިރު ފުލުހުން އޭނާއަށް ކުރި އަނިޔާގެ ސަބަަބުން ކަމަށް ބުނެވޭއިރު އީރާނުގެ ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެހެން ނަމަވެސް މަހްސާގެ ސިއްހީ ރިޕޯޓުތަކުން އޭނާގެ ބޮލުގެ ކަށިގަނޑުގައި ރެނދުލާފައި ހުރިކަން އެނގޭ ކަމަށް ހަބަރުތައް ބުނެ އެވެ.
މިއާއެކު އީރާނުގެ އާއްމުންގެ މެދުގައި ފުލުހުންނާ މެދު ރުޅިވެރިކަން އިތުރުވެ ފުލުހުންނަށް އަމާޒުކޮށް ހަމަނުޖެހުންތަކުގެ ތެރެއިން ވެސް ގިނަ ހަމަލާތަކެއް ދެމުން ދިޔަ އެވެ.
ހަމަނުޖެހުންތަކުގެ ތެރެއިން އާއްމުން މެރުމުން ވެސް އެނގެނީ ފުލުހުންގެ އަނިޔާވެރިކަން ކަމަށާއި ފުރާނަ ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. -- އަލް އަރަބިއްޔާ