ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ އަންހެން ދަރިފުޅު އިރާ ޚާނާއި ލޯބިވެރިޔާ ނުޕޫރު ޝިކާރޭ އާއި އެންގޭޖް ވެއްޖެ އެވެ.

އިރާ އާއި ނުޕޫރު ރައްޓަހިވެފައިވަނީ 2020 ވަނަ އަހަރުގަ އެވެ. އެ ދެމީހުން އެންގޭޖްވިކަން ދެ މީހުންވެސް ބަނީ އެމީހުންގެ އިންސްޓަގްރާމްގައި ހާމަކޮށްފަ އެވެ. އަދި މި ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާގެ ރުހުން ވެސް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.މިކަން ހާމަކޮށް ދެމީހުންވެސް ލާފައިވާ ވީޑިއޯ ކޮޅެއްގައި ފެންނަނީ އުމުރުން 25 އަހަރުގެ އިރާ އިވެންޓެއް ތެރޭގައި ހުއްޓައި ނުޕޫރު އައިސް ޕްރޮޕޯސްކޮށް އިރާގެ އިނގިލީގައި އަނގޮޓި އަޅުވާތަނެވެ. އަދި އިރާ ޔެސް އޭ ބުނާ އަޑުވެސް ވީޑިއޯއިން އިވެއެވެ. އިރާ އަކީ 1986 ވަނަ އާމިރު އާއި ރީނާ ދައްތާ ކައިވެނިކޮށްގެން ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ޖުނައިދު ޚާން އަކީ އެކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އާމިރުއާއި ރީނާގެ ކައިވެނި ރޫޅުނީ 2002 ވަނަ އަހަރު އެވެ.

އޭގެ ފަހުން 2005 ވަނަ އަހަރު އާމިރު ކައިވެނިކުރީ ޑައިރެކްޓަރު ކިރަން ރާއޯ އެވެ. ނަމަވެސް މިދިޔަ އަހަރު އެ ކައިވެނިވެސް ވަނީ ރޫޅައިފަ އެވެ. އެ ކައިވެންޏަށް ސަރޮގޭޓްކޮށްގެން ހޯދި ފިރިހެން ދަރިއަކު ވެސް ހުރެ އެވެ. އެއީ 10 އަހަރުގެ އާޒާދު ރާއޯ ޚާނެވެ.