އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައި ނޫންކަމަށާއި އެކަން ކުރީ، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެފަހުން ފެންމަތިވި، އެންމެ ބޮޑު މައްސަލައަކީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށެވެ.

"އެ މައްސަލަވެސް ފެންމަތިވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން. ޙަޤީޤަތުގައި، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް، އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށާއި, ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ މި ސަރުކާރުން އަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީ، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުންކަމުގައި ރައީސް ފާހަގަކުރެއްވެވި އެވެ. އޭގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި، އާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، މިގާނޫނުގެ ވަރަށް މުހިންމު މަގުސަދެއްކަމުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފަ އެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާކަމުގައި ވިދާޅުވަމުންގެންދަވާ ފަރާތްތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެކަމަށެވެ. އަދި، އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ހަމައާއި އުސޫލުން ބޭރުން ރާއްޖޭގައި ކަންތައްތައް ކުރުމުގެ ސަގާފަތް މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާކަމުގައި ވިދާޅުވެ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވާންޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތު ހިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19އަށް ފަހު ގައުމު ބިނާކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން އެކުލަވާލައްވާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަން ފާގަކުރައްވާފަ އެވެ. އަދި، އޭގެ ތެރެއިން އެއް ކަމަކީ، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް ޢާއްމުކޮށް ފެންނާނޭހެން ހާމަކުރުންކަމަށާއި، މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ގާނޫނުލް އުގޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރުވާނީ ދެ އިސްލާހެއް ހުށަހަޅާފައިކަމަށާއި، މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށާއި ގަވާއިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލު ގެނައުން ފަދަ ކަންކަންކުރުމަށް ރާއްވަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި، މީގެއިތުރުންވެސް ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ނިންމަވާފައިވާ މުހިންމު ނިންމެވުންތައް މިއަދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.