ހަނދާން ނެތުމަކީ އިންސާނާގެ ތަބީއަތެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ހުރިހާ ކަމެއް ހަނދާނުގައެއް ނުބެހެއްޓޭނެ އެވެ. އެހެން ނަމަވެސް ކަންކަން ހަނދާން ނެތުން މަދުކޮށް ހަނދާން ގަދަ ކުރަން އަހަރުމެންނަށް ކުރެވޭނެ ކަންތައް ވަރަށް ގިނަ އެވެ.
އެެގޮތުން ކުރެވިދާނެ އެއް ކަމަކީ ގަވާއިދުން ކަސްރަތު ކުރުމެވެ. ކަސްރަތު ކުރުމަކީ އެއިން ލިބޭ ޖިސްމާނީ ފައިދާގެ އިތުރުން އިންސާނާގެ ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށް ހަނދާން ގަދަކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
އެގޮތުން ކޮންމެ ދުވަހަކު ގަވާއިދުން ކަސްރަތު ކުރާނަމަ އަލްޒައިމާސް ފަދަ ހަނދާން ނެތޭ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަ ކޮށްދޭ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.
އަލްޒައިމާސް ބަލި ވާރުތަކުރާ ގޮތް ހުންނަ މީހުން ބޭނުން ކޮށްގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި ކަސްރަތުގެ ސަބަބުން ބަލި ވާރުތަކުރާ ޖީންތަކުގެ ބާރުދަށްވެ އޭގެ އަސަރު ކުޑަވެ އެވެ.
އެގޮތުން ދުވާލަކު 30 މިނެޓު ކަސްރަތު ކުރި މީހުންނާ އަޅާބަލާއިރު އެއްވެސް ވަރަކަށް ހަރަކާތްތެރިވެ ނޫޅޭ މީހުންގެ ހަނދާނުގެ ބައި ދެރަ ކަމަށް މި ދިރާސާއިން އެނގިފައިވެ އެވެ.
ކަސްރަތުގގެ ސަބަބުން ލިބޭ ޖިސްމާނީ ފައިދާތަކުގެ ވާހަކަ އެންމެންނަން ވެސް އެނގެ އެވެ. އެހެން ކަމުން މިއޮތީ ކަސްރަތު ކުރުން އާދައަކަށް ހަދަންވީ އިތުރު ސަބަބެކެވެ.