މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާގައި ލޯންޗުން ދަތުރުކުރި އައްޑޫ ސިޓީއަށް ނިސްބަތްވާ މުހައްމަދު މިންހާޖު 28 އ ވަނީ ގެއްލިފަ އެވެ. މިހާތަނަށް އައިރުވެސް އޭނާގެ ހަބަރެއް އަދި ނުވެ އެވެ.
މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި މި ލޯންޗު ބަންޑުން ޖަހާލަފައި އޮއްވާ ފެނުނީ މާޅޮހު ކައިރިންނެވެ. މި ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ފެނިފަ އެވެ. އަދި އޭނާއަށް ފެރިދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޗީފް ސުޕްރިޑެންޓެންޑް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީލޯންޗުން ސަލާތްވި އަލީ މުހައްމަދުގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމީހުން ނިކުތީ މަހަށް ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. ނަމަވެސް ލޯންޗުގައި ގިނަ އަދަދެއްގެ ތެޔޮ ހުރުމާއި އަދި ދަތުރުކުރި މިސްރާބަށް ބަލާއިރު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ބަޝީރު ވިދާޅުވި އެވެ.
ބަޝީރު އިތުރަށް ވިދާޅުވީ މި މައްސަލާގައި އަލީ މުހައްމަދުގެ ފަރާތުން ލިބެމުންދަނީ އެންމެ ސައްހަ މައުލޫމާތު ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، އަލީ މުހައްމަދުގެ ފަރާާތުން ލިބެމުން ދިޔަ މައުލޫމާތާއި، އަޅުގަނޑުމެންނަށް އެކި އެކި ގޮތްގޮތުން ލިބެމުން ދިޔަ މައުލޫމާތަށް ބަލާއިރު މި މީހުންގެ ދަތުރާ ބެހޭ ގޮތުން ލިބެމުންދާ މައުލޫމާތަކީ މުޅިން ސައްހަ މައުލޫމާތުކަމަށް ގަބޫލެއް ނުކުރެވޭ،" ބަޝީރު ވިދާޅުވި އެވެ.
މިދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑު އޮތް ދެމީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. މިންހާޖު ހޯދުމަށް ފުލުހުން ކަނޑުމަތީގައި ކުރި އޮޕަރޭޝަން 78 ގަޑިއިރަށްފަހު މިހާރު ހުއްޓާލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.