ލަންޑަން (17 އޮކްޓޯބަރު) - އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ލިޒް ޓްރޫސް މަގާމުން ވަކިކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި އާއްމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ 100 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށް ޓްރޫސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާފައިވެ އެވެ. ބެލެވޭ ގޮތުގައި މި ހަފްތާގެ ތެރޭގައި އެ މައްސަލަ ބަލާނެ އެވެ.
މައްސަލައަށް ތާއީދުކުރައްވާ މެމްބަރުން ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ގްރަހަމް ބްރެޑީއަށް މައްސަލަ ހުށައަޅާފައިވާއިރު އޭނާ ވަނީ މިކަމާ ދެކޮޅުކަން ހާމަކޮށްފަ އެވެ.
އެގޮތުން ގައުމުގެ އިގްތިސާދީ އަދި އާއްމު ހާލަތު ހަމައަކަށް އަޅުވަން ޓްރޫސްއަށް ފުރުސަތެއް ދޭން ޖެހޭ ކަމަށާއި މަގާމާ ހަވާލުވި ފަހުން އެފަދަ ބޮޑު ބަދަލުތަކެއް ގެނެވޭ ވަރުގެ ވަގުތު ޓްރޫސްއަށް ނުލިބޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބަދަލުގައި އެ މަގާމަށް ޓްރޫސް އިސްވެ ވަޑައިގަތް ފަހުން އޭނާއަށް ވަނީ ސިޔާސީ ގިނަ ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.
އިނގިރޭސި ވިލާތް 2016 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަންއިން ވަކިވި ފަހުން ތިންފަހަރެއްގެ މަތިން ބޮޑުވަޒީރަކު އިންތިހާބު ކޮށްފައިވާއިރު އެއިން ކޮންމެ ބޭފުޅަކަށް ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި އެވެ. -- ރޮއިޓާސް