ކީވް (20 އޮކްޓޯބަރު) - ޔޫކްރެއިންގެ ހަކަތަ އުފައްދާ ޕްލާންޓްތަކަށް ރަޝިއާގެ މިސައިލް ހަމަލާތައް އަމާޒުވެ، އެ ގައުމުގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

ޔޫކްރެއިންގެ ހަކަތައާ ބެހޭ އޮފިޝަލުން ވިދާޅުވީ ހަމަލާތަކުގައި ޔޫކްރެއިންގެ ކަރަންޓު ފޯރުކޮށްދޭ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ޖެނެރޭޓަރުތަކަށް ލޯޑު ކުޑަކުރުމުގެ ގޮތުން އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކަނޑާލަން މަޖުބޫރުވެފައިވާ ކަމަށެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް ހަކަތައިގެ މިނިސްޓަރުގެ އެޑްވައިޒަރެއް ކަމަށްވާ އޮލެކްސެންްރާ ކަރްޗެންކޯ ދެއްވި ބަޔާނެއްގައި އެގައުމުގެ ހަކަތައިގެ ސިނާއަތުގެ 40 ޕަސެންޓަށް ހަމަލާތަކުން ގެއްލުން ވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަރާމާތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަމަށް ވަގުތު ނަގާނެތީ މިއަދާއި މާދަމާ ވެސް ވަކި ހަމައެއްގެ މަތިން ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ.

އެގޮތުން ކަރަންޓު ކަނޑާލެވޭނީ ހެނދުނު 7:00 ން މެންދުރު 2:00 އާ ދެމެދު އެކި ސަަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަމަށާއި ގިނަވެގެން ކަރަންޓު ކެނޑޭނީ ހަތަރު ގަޑިއިރަށް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އޮލެކްސެންޑްރާ ވިދާޅުވީ ރަޝިއާއިން ހަކަތައިގެ ސިނާއަތަށް އަމާޒުކޮށް ހަމަލާދެނީ ޔޫކްރެއިންގެ އަސްކަރިއްޔާއާ ކުރިމަތި ނުލެވޭނެތީ އެނޫން ގޮތްގޮތުން އެގައުމުގެ ބާރު ދެރަކުރަން ކަމަށެވެ. -- ސީއެންއެން