ސައޫދީ އަރަބިއާގެ މަރިޔަމް ބިން ލާދިން ސައޫދީ އަރަބިއާއިން މިސްރަށް ފަތާފައި ގޮސް ގައުމީ ރެކޯޑެއް ހަދައިފި އެވެ.

މިޔަރާއި އެހެނިހެން ދިރުންތަކުގެ ނުރައްކަލާއެކު ވެސް މަރިޔަމް ވަނީ ރަތް ކަނޑު ހުރަސްކޮށް މިސްރަށް އަރާފަ އެވެ. މިއާއެކު އޭނާ ވެފައިވަނީ މި ކާމިޔާބީ ހާސިލްކުރި ސައޫދީ އަަރަބިއާގެ ފުރަތަމަ އަންހެނާ އަށެވެ.

ހަބަރުތައް ބުނާ ގޮތުގައި މަރިޔަމްގެ މި ހަރަކާތް އަމާޒުކޮށްފައި ވަނީ ކަނޑުއަޑީގެ ދިރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ދިރުންތަކަށް ކުރާ އަސަރުތަކާ ބެހޭ ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

މިހާރު މޫސުމަށް ބަދަލު އަންނަމުންދާ ބާރުމިނުގައި ކުރިއަށް ދާނަމަ 2070 ވަނަ އަހަރާ ހަމައަށް ކަނޑު މުރަކައިގެ ދިރުންތަކުގެ 70 ޕަސެންޓް ނެތިގެން ދާނެ ކަމަށް ލަފާ ކުރެވެ އެވެ.

މަރިޔަމް ދަނީ އޭނާގެ މި ދަތުރުގެ ވީޑިއޯތަކާއި ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ހޭލުންތެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަރިޔަމް ވަނީ މީގެ ކުރިން ވެސް އިންސާނީ އެކި މަގްސަދުތަކަށްޓަކައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. އެގޮތުން ސީރިއާގެ ރެފިއުޖީންގެ ހާލަތަށް އެހީވާން ފަންޑް ހޯދުމުގެ ގޮތުން ވެސް އޭނާ ވަނީ ސްވިމިން ރެކޯޑެއް ހަދާފަ އެވެ.

މަރިޔަމްއަކީ ސައޫދީ އަރަބިއާގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފެތުންތެރިޔާ އެވެ.