ކަސްރަތު ކުރާ އިރު ދާ ނުހިއްލަންޏާ ބައެއް މީހުން ކަންބޮޑުވެ އެވެ. ގަދައަށް ދާ ނުހިއްލައިފި ނަމަ ކުރެވުނު ކަސްރަތު ނުވަތަ ކަސްރަތު ކުރެވުނު މިންވަރު ރަނގަޅު ނޫނީ ކަމަށް ދެކެވެ އެވެ.
އެހެން ނަމަވެސް ފަހުގެ ހޯދުންތަކުން މިވަނީ އެއީ އަދި ރަނގަޅު ހީއެއް ނޫންކަން އެނގިފަ އެވެ. ކުރެވޭ ކަސްރަތުގެ މޮޅު ދެރަކަމާއި ދާހިއްލާ މިންވަރާ އެއްވެސް ގުޅުމެއް ނެތްކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ދާހިތްލަނީ މުޅިން އެހެން ސަބަބުތަކާ ހެދި އެވެ. އެކަމުގައި ގިނަ އެހެން ސަބަބުތަކެއް އެބަ ހުއްޓެވެ. މީހާގެ ޖިންސާއި އުމުރާއި ޖެނެޓިކްސް އަދި ބަރުދަން ވެސް ދައުރެއް އަދާކުރެ އެވެ. އަދި ކަސްރަތު ކުރާ މާހައުލުގެ ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ މިންވަރު ވެސް އެކަމުގައި ދައުރެއް އަދާކުރެ އެވެ.
އެންމެ ބޮޑަށް ދާހިއްލުމާ ގުޅިފައިވަނީ މީހާގެ ބަރުދަނެވެ. އެގޮތުން ބަރު މީހުން ބޮޑަށް ދާހިއްލާނެ އެވެ. އެއީ ހަށިގަނޑުު ވަރުގަދަވުމުން ހޫނު އުފައްދާ މިންވަރުވެސް އިތުރުވާތީ އެވެ. ދާހިތްލުމާ މީހާގެ ދުޅަހެޔޮ ކަމާ ވެސް ގުޅުމެއް އެބަ ހުއްޓެވެ. އެގޮތުން ބޮޑަށް ދުޅަހެޔޮ މީހުން އަވަހަށް ދާހިއްލާނެ އެވެ.
އެހެންވިއްޔާ ގަދައަށް ދާހިއްލާ ކަސްރަތެއް ކޮށްލާފައި ކައްޓާއަށް އަރާލާއިރު ފެށި އިރަށް ވުރެ ލުއިކަމަށް ދައްކަނީ ކީއްވެތޯ ސުވާލު އުފެދިދާނެ އެވެ. އެއީ ހިކިގެން ވީ ލުޔެއް ނޫނެވެ. އެއީ ހަށިގަނޑުން ފެން މަދުވުމުން ބަރުދަނަށް އަންނަ ބަދަލެކެވެ. އަނެއްކާވެސް ރަނގަޅަށް ފެން ބޯލާއިރަށް ކުރިން ހުރި ބަރުދަނަށް ދާނެ އެވެެ.
ގަބޫލު ކުރަންވީ އަނެއް ހަގީގަަތަކީ މާބޮޑަށް ދާނުހިއްލިޔަސް ތިބާ ކުރި ކަސްރަތުން ފައިދާ ކުރާނެ ކަމެވެ. ބޮޑަށް ދާނުހިއްލަނީ ރަނގަޅަށް ވައި ލިބޭ ތަނެއްގައި ކަސްރަތުކުރާތީ ކަމަށް ވެދާނެ އެވެ.