އދ. ގެ އާންމު މަޖިލިހުގައި ޗާގޮސް އައިލޭންޑްސް އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެން ހުށަހަޅާ ގަރާރަކަށް އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ރާއްޖޭން ނިންމި ނަމަވެސް ރާއްޖެއިން މޮރިޝަސްއާއި ދެކޮޅަށް ޓްރައިބިއުލަންގައި ވަކާލާތު ކުރަމުންގެންދާ މައްސަލާގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށް ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގައިފި އެވެ.
ރޭ ދަންވަރު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމަށް ފަހު މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުން ވެސް އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލާފައިވާ ކަމަށާއި އެއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދީ، ދެގޮތެއް ނުވެ އޮތް ސިޔާސަތެއް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެމުން އައިސްފައިވާ ދެގޮތެއްނުވާ ސިޔާސަތުކަން ހާމަ ކުރައްވަމުން މި ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް އދ.ގެ މެމްބަރުކަން ލިބުމަށްފަހު ދުނިޔޭގެ އެކި ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި އެތައް ގައުމެއް މިނިވަންވެފައި މިއަދު އެބަތިބި ކަމުގައެވެ.
އޭގެ އިތުރުން މި ހުރިހާ މައްސަލަތަކަކަށް ވެސް ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކުން ތާއީދުކޮށްފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެ އެވެ. މިގޮތުން މިބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2017ވަނަ އަހަރު އދ. ގެ އާންމު މަޖިލިހުން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ، މި މައްސަލައާ ބެހޭ އިސްތިޝާރީ ލަފައަކަށް އެދިފައިވާ ކަމަށާއި، އަދި 2019 ވަނަ އަހަރު މި ލަފާގައި، ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ އަށް ފަހު މޮރިޝަސް އާއި އެފްރިކާގެ ގައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ (ނޮން އެލައިންޑް މޫވްމަންޓް) ގައުމުތަކާ ގުޅިގެން މެއި 22، 2019 ގައި އދ.ގެ އާންމު މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. މި ގަރާރުގައި ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ގޮވާލާފަ އެވެ. އެ ގަރާރަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމުން، އޭރު ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުދީފަ އެވެ.
އެ ގަރާރަށް ދެކޮޅަށް ވޯޓު ދިނީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ އިތުރު ކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީއެލްސީއެސް) އަށް ޖުލައި 26، 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޒުކޮށް، މާޗް 24، 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ އެވެ.
އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލަ އާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް ފޮރިން މިނިސްޓްރީން ވެސް ބުނެ އެވެ.
ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. އަދި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.
މި ވިސްނުން މިހާރު ބަދަލުކޮށްފައިވާކަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގަމުންދާ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ރާއްޖޭން ވަނީ ހާމަކޮށްފަ އެވެ.
މިގޮތަށް ވިސްނުން ބަދަލުކުރުމަކީ އިޓްލޮސްގައި ހިނގާ މައްސަލަ މޮރިޝަސް ކޮޅަށް ނިންމަން އެޅުނު ބާރެއް ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެކަމަކު ރާއްޖޭގެ ފަރާތުން އިޓްލޮސްގައި އިސްކޮށް ވަކާލާތުކުރައްވާ ޕްރޮފެސަރު ޕަޔަމް އަޚަވަން ރޭ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖޭން ބައެއް ނުގެއްލޭނެ އެވެ.