ލަންޑަން (25 އޮކްޓޯބަރު) - އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރަކަށް ކަނާތު ފިޔައިގެ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރު ރިޝީ ސުނަކް އިންތިހާބުވެ ވަޑައިގެންފި އެވެ.
ސުނަކްއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކު ހޮވަން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ސުނަކްއާ އެންމެ ގާތުން ވާދަ ކުރެއްވީ ޕާލިމެންޓް މެމްބަރު ޕެނީ މޮރްޑުއަންޓް އެވެ.
އިންތިހާބުގައި މި ދެބޭފުޅުން ވާދަ ކުރެއްވީ އެންމެ ފަހު ވަގުތު އެ އިންތިހާބުން ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ނަން އަނބުރާ ގެންދެވުމުންނެވެ.
އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރަކަށް އައްޔަން ކުރެވުމާއެކު އިގްތިސާދީ ގޮތުން ހަލަބޮލިވެފައިވާ ގައުމެއްގެ ޒިންމާ ސުނަކްގެ ކޮނޑުގައި އެޅުނީ އެވެ.
ސުނަކް މަގާމަށް އިންތިހާބުވެ ވަޑައިގަތީ އޭގެ ކުރިން މަގާމުގައި ހުންނެވި ލިޒް ޓްރޫސް އެންމެ 44 ދުވަހަށްފަހު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ލިޒް ޓްރޫސް އިސްތިއުފާ ދެއްވީ އޭނާގެ ބޮޑުވަޒީރުކަމުގައި ނިންމެވި އިގްތިސާދީ ނިންމުންތަކެއްގެ ސަބަބުން ގައުމުގެ އިގްތިސާދަށް ލޮޅުން އަރާފައިވާ ވަގުތެއްގަ އެވެ.
ކޮންޒަވޭޓިވް ޕާޓީގެ މި ނިންމުމާއެކު ސުނަކް ވެގެންދާނީ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަން ކުރައްވާ އޭޝިއާ ނަސްލުގެ ފުރަތަމަ ބޭފުޅާ އަށެވެ.
އިންތިހާބުން ނާކާމިޔާބުވެ ވަައިގެންނެވި ޕެނީ ވަނީ މި ނިންމުމުން އެނގިގެން ދަނީ އިނގިރޭސި ވިލާތުގައި ނަސްލީ ތަފާތު ކުރުންތައް ނެތް ކަމަށާއި ސުނަކްއަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
އުމުރުން 42 އަހަރުގެ ސުނަކްއަކީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތް ދުށް ތިންވަނަ ބޮޑުވަޒީރެވެ. މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ގައުމު ހަމަ މަގަށް އެޅުމުގެ ޕްރެޝަރު ސުނަކްއަށް ވަރަށް ބޮޑުވާނެ އެވެ. - އަލް އަރަބިއްޔާ