މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ތަގުގީރުން މުހިއްމު ތިން ކަމެއް ފާހަގަކުރެވުނު ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 115 ގައި ބުނާ، ގާނޫނާ އެއްގޮތަށް ކަންތައް ކުރުމާ ހިލާފުވެފައިވާކަމާއި ގާނޫނުއަސާސީގެ 251 ގައި ބުނާ ބޭރު ފަރާތްތަކަށް ނުދިނުމާ ބެހޭ ތަންތަނާ ހިލާފްވެފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ. މީގެ އިތުރަށް ކުރައްވާފައިވާ ހުވަޔާ ވެސް ހިލާފުވެފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
މީގެ އިތުރުން ޖަމީލި ކުރެއްވި އެހެން ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހު ހައްދަވާފައި ވަނީ ކަނޑައެޅިގެން ދޮގުކަމަށާއި، ދައްކަވަނީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. ރާއްޖެ އާއި މޮރިޝަސް އެއްބަސްވެގެން ރާއްޖޭގެ ސަރަހައްދެއް ދޫކޮށްލީތޯ ސުވާލުއުފައްދަވައި، ޖަމީލް ވިދާޅުވެފައި ވަނީ ސިޔާދަތު ވިއްކާލީ ކަމަށް ރައިސް ސާލިހު އިއުތިރާފު ވެއްޖެ ކަމަށެވެ.
"މުޅިން ވެސް ތާކުންތާކު ނުޖެހޭ ވާހަކަ. ދެ ޤައުމު އެއްބަސްވެގެން ރާއްޖޭގެ ސަރަހައްދު ދޫކޮށްލީ؟ ސިޔާދަތު ވިއްކިކަމަށް އިޢްތިރާފުވެއްޖެ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ރައީސް ރޭ ދެއްކެވި ވާހަކައިގައި މައިގަނޑު ގޮތެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ސަރުކާރުން ނުނިންމާނެ ކަމަށެވެ. އަދި އެ މޭރުމުން ވާހަކަ ދެއްކެވީ މިހާރު ރާއްޖޭގައި އެންމެ ހޫނުކޮށް ދެކެވޭ ޗާގޯސް މައްސަލަ އަށް އަލިއަޅުއްވާލައްވަ އެވެ.
ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ނުހޯދި އޮންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު ވެސް، އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަޝްވަރާތަކެއް ކުރި ކަމަށެވެ. އަދި ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް އިމުގެ ސަރަޙައްދު، ފުށުއަރާ ސަރަޙައްދާ ދޭތެރޭގައި ގޮތެއް ހޯދުމަށްޓަކައި އިނގިރޭސިވިލާތާ އެކީގައި، 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައި އެބައޮތް ކަމަށާއި އޭރު އިނގިރޭސި ސަރުކާރާ އެކުގައި އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު، ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށްފައިވެ އެވެ.
"މި ދައްކަނީ ހަމަ ޗާގޯސްގެ ވާހަކަ. އަދި އޭރު އެއްބަސްވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، މޮރިޝަސް އާއި ދިވެހިރާއްޖެއާ ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ޗާގޯސް މައްސަލައިގައި މި ސަރުކާރުން މިހާރު ވެސް ދަމަހައްޓަމުން އަންނަނީ، މިކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ރާއްޖޭގެ އެންމެ މަތީ މަސްހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޗާގޯސް މައްސަލައިގައި، އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށައި. އެއްބަޔަކު އިނގިރޭސިވިލާތާ އެކީގައި އަދި އަނެއް ބަޔަކު މޮރިޝަސްއާ އެކީ ވާހަކަ ދައްކާފައިވާ ކަމަށެވެ.
"ޗާގޯސް އާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ޙައްލުކުރުމަށް. އަޅުގަނޑުމެން މި މައްސަލައިގައި މަސައްކަތް ކުރަމުން މި އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި. ވަކި ސަރުކާރަކާ އެކީގައެއް ނޫން މި ވާހަކަ ދައްކަނީ. މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައި ވެސް، އަޅުގަނޑުމެން މި އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަކި މީހެއްގެ އަމިއްލަ ބޭނުމަކަށް ނުވަތަ ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ، ވަރަށް ދެރަ މައްސަލައެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ، އެއަށްވުރެ މާބޮޑަށް ހިތާމަހުރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.