ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ތިން މަސްދުވަހު ބަންދުގައި ބޭއްތިއްބޭ ގޮތަށް ޖިނާއީ އިޖުރާއަތު ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ 56 މެމްބަރުންގެ ވޯޓުންނެވެ. މިމަސައްކަތް ޖުޑީޝަރީ ކޮމެޓީން ކުރެއްވިއިރު ފުުލުހުންނާއި، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހާއި، ޖޭއެސްސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލުކޮށް މަޝްވަރާ ހޯއްދާފައިވެ އެވެ.

ބިލަށް ގެނައި އެންމެ މުހިންމު އިސްލާހަކީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ބަންދާމެދު މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނައުމެވެ. މިހާރު ގާނޫނުގައި ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ 75 ދުވަހަށެވެ. ނަމަވެސް ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ވަނީ 90 ދުވަހަށް އެ މީހަކު ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ދީފަ އެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ތަހުގީގު މުއްދަތު އިތުރުކުރުމަށް ފުލުހުން ބޭނުންވާނަމަ ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމަށް ވެސް ކޮމެޓީން ފާސްކޮށްފައިވެ އެވެ. މިހާރު ގާނޫނުގައި އޮންނަނީ 45 ދުވަހުގެ މުއްދަތެކެވެ.