ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި ހެދި ފުރަތަމަ ލެޕަރޮސްކޯޕިކް ސާޖަރީ (ކީހޯލް އޮޕަރޭޝަން) ކާމިޔާބުކަމާ ފުރިހަމަކޮށްފި އެވެ.

މި އޮޕަރޭޝަން ކޮށްފައި ވަނީ މިއަދު ހެނދުނު އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގަ އެވެ.

މި ސާޖަރީ އަކީ ރާއްޖޭގެ އުތުރުގައި ކުރި މި ފަދަ ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަންތައް ފެށުމަށް އެ ހޮސްޕިޓަލުގައި ބައިވެރިވީ އައިޖީއެމްއެޗްގެ ޚާއްސަ ޓީމެކެވެ. ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔާ ކޮންސަލްޓަންޓް އިން ޖެނަރަލް ސާޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކުރައްވައިގެން ކުރިއަށް ގެންދެވި މި އޮޕަރޭޝަނަށް ހޭދަވީ 50 މިނެޓެވެ.

މީގެއިތުރުން ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދު އަދި އައިޖީއެމްއެޗްގެ އެނެސްތިއޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް، ކޮންސަލްޓަންޓް އިން އެނެސްތިއޮލޮޖީ ޑރ. އިސްމާއިލް ލަތީފާއި އެ ހޮސްޕިޓަލްގެ ލެޕަރޮސްކޯޕިކް ނާސިން ޓީމްގެ އިންޗާޖް، ރެޖިސްޓާޑް ނާސް ފާތިމަތު ޝިއުނާ ބައިވެރިވެވަޑައިގަތެވެ.

ކޭއާރްއެޗުން، ހޭނައްތާ ޑޮކްޓަރުގެ އިތުރުން، ބަޔޮމެޑިކަލް އިންޖިނިއާ އަދި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ނަރުހުންގެ ޓީމް ބައިވެރިވި އެވެ.

ޑރ. އުބައިދު ވިދާޅުވީ އެ ދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް، އައިޖީއެމްއެޗުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ނާސިން އިންޗާޖް، ރެޖިސްޓާޑް ނާސް، ހުރުމާ އަބްދުއްރަހްމާން ވިދާޅުވީ ކުރިން ބޮޑެތި ކެފުންތަކާ އެކު ކުރި ބައެއް އޮޕަރޭޝަންތައް، ބަނޑުގައި އަޅާ މަދު ލޯވަޅުތަކެއްގެ ޒަރީއާއިން ކުރެވޭ ގޮތް ވުމަކީ ބަލިމީހާއަށް އަދި އޮޕަރޭޝަން ޓީމަށް ވެސް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާޖަރީ އޭ ވެސް ކިޔާ މި އޮޕަރޭޝަންތަކަށް ފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މުއްދަތު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާ ބަލާއިރު ވަރަށް ބޮޑަށް ކުޑަވާނެ އެވެ.