ކީވް (11 ނޮވެމްބަރު)- ޔޫކްރެެއިންގެ ކާރްސަންއިން ރަޝިއާ ސިފައިން އެއްކޮށް ފައިބަން ހަފްތާއެއްހާ ދުވަސް ހޭދަވާނެ ކަމަށް ޔޫކްރެއިނުން ބުނެފި އެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޔޫކްރެއިިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް ވިދާޅުވީ ފިނި މޫސުމުގެ ސަބަބުން ރަޝިއާގެ އޮޕަރޭޝަނަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އަންނާނެ ކަމަށެވެ.

އެހެން ކަމުން މި މުއްދަތުގެ ތެރޭގައި ރަޝިއާގެ ހަރަކާތްތަކަށް ޔޫކްރެއިނުން ފާރަވެރިވެ ތިބެން ޖެހޭނެ ކަމަށް ފާހަގަ ކުރައްވަމުން އޮލެކްސީ ވިދާޅުވީ ރަޝިއާގެ އޮޕަރޭޝަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"އެއް ދުވަސް ނޫނީ ދެ ދުވަސް ތެރޭ ކާރްސަންއިން ފޭބުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. މަދުވެގެން ހަފްތާއެއް ނަގާނެ،" އޮލެކްސީ ވިދާޅުވި އެވެ.

ކާރްސަން ހިމެނޭ ނިޕްރޯ ކޯރުގެ އައްސޭރިފަށުގެ ސަރަހައްދުން ރަޝިއާގެ ސިފައިން ފައިބާނެކަން ބުދަ ދުވއަހު ރަޝިއާއިން އިއުލާންކުރި ނަމަވެސް މި ނިންމުމުގެ ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ކާރްސަންއަކީ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނީއްސުރެ ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް އެއްކޮށް ގެނެވުނު ހަމައެކަނި ސަރަހައްދެވެ. އެހެން ނަމަވެސް މި ހަފްތާ ތެރޭގައި ރަޝިއާއިން އެސަރަހައްދަށް ކަނޑައަޅާފައި ހުރި އިސް ވެރިޔާ ވަނީ މަރުވެފަ އެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައިގައި ވަރުގަދަ ރަޝިއާއާ ދެކޮޅަށް ނިސްބަތުން ކުޑަ ޔޫކުރެއިނުން އަންނަނީ ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ. -- އަލް އަރަބިއްޔާ