ރ. އުނގޫފާރުގައި މިއަދު ހަވީރު ކުޅުނު ރ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ފައިނަލް މެޗު ބެލުމަށް ގޮސް ތިބި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

އުނގޫފާރުން ވާހަކަ ދެއްކި މީހަކު ބުނީ އެ ވަގުތު އެތަނުގައި ތިބި ބައެއް ކުޑަކުދިންނަށާއި އަންހެނުންނަށް އަނިޔާވި ކަމަށެވެ.

މިއަދު ކުޅުނު ފައިނަލް މެޗްގައި ބައްދަލުކުރީ އިނގުރައިދޫ އާއި ދުވާފަރެވެ. ހަމަނުޖެހުން ހިންގަން ފެށީ ދުވާފަރު ޓީމުން ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ ހަމަނުޖެހުންތަކުގައި އަނިޔާވި 18 މީހަކަށް އުނގޫފާރު ހޮސްޕިޓަލްގައި ވަނީ ފަރުވާދީފަ އެވެ. އޭގެތެރޭގައި އަށް ކުޑަކުދިން ވެސް ހިމެނެ އެވެ.

މިއަދުގެ މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ)އަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ރ. އަތޮޅު އުނގޫފާރުގައި މިއަދު ހަވީރު ކުޅުނު ފުޓްބޯޅަ މެޗަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަން ބަލަމުންދާކަމަށެވެ.