ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިރިކަލުން އަހުމަދު އާމިރު، މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގެ މަންޒަރެއް ގޮތަށް އެކްޓްކުރެއްވި ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ 1997 ގެ ފިލްމު "ޓައިޓޭނިކް" ގައި އޭގެ ތަރިން ކަމަށްވާ ލިއޮނާޑީ ޑި ކެޕްރިއޯ (ޖެކް) އާއި ކޭޓް ވިންސްލެޓް (ރޯޒް) ގެ އައިކޮނިކް މަންޒަރެއް ކަމަށްވާ ބޯޓްގެ ދިރުނބާކޮޅުގައި ކޮއްޅަށް ތިބެގެން ދެ އަތް ވައިގެ ތެރެއަށް ވިހުރައިލާ މަންޒަރެވެ.

މި މަންޒަރު ނަގާފައިވަނީ އެމްއެންޑީއެފްގެ ކޯސްޓް ގާޑް އުޅަނދެއްގައި ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރި ނަމަވެސް އެމްއެންޑީއެފް އިން ޖަވާބެއް ނުދެ އެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރު މާރިޔާއަށް ވަނީ އަމާޒުވެފަ އެވެ. ދައުލަތުގެ މުދާ އަމިއްލަ ބޭނުންތަކުގައި ބޭނުން ކުރަމުން އަންނަ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ވަނީ ކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓަރު މާރިޔާ އަދި އެމްއެންޑީއެފްއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.