ބެއިޖިންގް (07 ޑިސެމްބަރު) - ސައޫދީ އަރަބިއާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގް އެގައުމަށް ވަޑައިގެންފި އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅަކީ ކޮވިޑް ޕެންޑެމިކްގެ ފަހުން ޖިން ޕިން ގައުމުން ބޭރަށް ދަތުރު ކުރައްވާ ތިންވަނަ ފަހަރެވެ. ޖިން ޕިންއަށް ސައޫދީ އަރަބިއާއިން މަރުހަބާ ދެންނެވީ ސައޫދީ ސަރުކާރުގެ ބައެއް އިސް ވެރިންނެވެ.
ޖިން ޕިންގެ މި ދަތުރުފުޅުގައި ސައޫދީ ޗައިނާ ސަމިޓެއް ބާއްވަން ނިންމާފައިވާއިރު މި ސަމިޓުގައި ދެގައުމުގެ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުމާމެދު މަޝްވަރާ ކުރެވޭނެ އެވެ.
މީގެ އިތުރުން ވެސް ގަލްފްގެ ބައެއް ގައުމުތައް ބައިވެރިވާ ގޮތަށް ބާއްވާ އިތުރު ދެ ސަމިޓެއްގައި ވެސް ޖިން ޕިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ސައޫދީއަށް ވަޑައިގަތުމަށްފަހު ޖިން ފިން ވަނީ އޭނާގެ ދަތުރުފުޅަކީ ދެ ގައުމަށް ވެސް އިގްތިސާދީ ގޮތުންނާއި ޚާރިޖީ ގޮތުން ފައިދާ ކުރުވަނިވި ދަތުރު ފުޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިއްޔެ ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޖިން ޕިން އެނބުރި ޗައިނާއަށް ވަޑައިގަންނަވާނީ 09 ޑިސެމްބަރު ވާ ހުކުރު ދުވަހު ކަމަށް ހަބަރުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ