ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނާއި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޕޫޖާ ހެގްޅޭ މިހާރު ރައްޓެހިވެގެން އުޅޭކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ޕޫޖާ އަކީ ސަލްމާން ގެ ކުރިއަށް އޮތް ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ބަތަލާ އެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ޕޫޖާ އަކީ މި މަހުގެ 23 ގައި ރިލީޒްކުރާ ރަންވީރު ސިންގްގެ "ސާކަސް" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.

ސަލްމާނާއި ޕޫޖާގެ ލޯބީގެ ވާހަކަތައް މީޑިއާގައި ދެކެވެން ފެށީ ފިލްމު ކްރިޓިކްއެއް ކަމަށް ބުނާ އުމައިރު ސަންދޫ ކިޔާ މީހަކު ކުރި ޓުވީޓަކާ ގުޅިގެންނެވެ.

"ބޮލީވުޑްގެ އާ ލޯބީގެ ޖޯޑެއް. ބަތަލާ ޕޫޖާ ހެގްޅޭ ދެކެ މެގަ ސްޓާ ސަލްމާން ޚާން ލޯބިވެއްޖެ. އޭނާގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ދެ ފިލްމެއް ސަލްމާން މިހާރު ޕޫޖާ އަށް ދީފި. އަދި ދެ މީހުން އެކުގައި މިހާރަކަށް އައިސް ވަރަށް ގިނަ ވަގުތު ހޭދަކުރޭ. މިއީ ސަލްމާންގެ ގާތް އެކުވެރިން ޔަގީންކޮށްދީފައިވާ ވާހަކައެއް،" އުމައިރު ސަންދޫ ކުރި ޓުވީޓްގައި ލިޔެފައިވެ އެވެ.

ޕޫޖާ އާއި އުމުރުން 57 އަހަރުގެ ސަލްމާނާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް އަރާފައިވާއިރު މި ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ މަހު ވަނީ ނިންމައިފަ އެވެ.

ސަލްމާނާއި ޕޫޖާގެ ގުޅުމުގެ ވާހަކަ ހޫނުކޮށް ދެކެވެމުން އަންނަ އިރު، ސަލްމާން ރައްޓެހިވި ބަތަލާއިންގެ ތެރޭގައި ކެޓްރީނާ ކައިފާއި އައިޝްވާރިއާ ރާއީ އާއި ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީގެ އިތުރުން ޕާކިސްތާނަށް އުފަން ކުރީގެ ބަތަލާ ސޯމީ އަލީ ހިމެނެ އެވެ. މީގެ ތެރެއިން ސޯމީ ފިޔަވައި އެހެން ހުރިހާ ބަތަލާއިން މިހާރު ތިބީ ކައިވެނިކޮށްގެންނެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސޯމީ ތުހުމަތުކޮށްފައިވާ ގޮތުގައި އޭނަ ސަލްމާނާ ރުޅިވީ، އަނިޔާކުރާތީ އެވެ. އަދި އެ އަނިޔާ އެތައް ދުވަހެއް ވަންދެން ތަހަމައްމަލު ވެސް ކުރި ކަމަށް ބުނެ ސަލްމާނަކީ ގޮތެއްފޮތެއް ނެތް އޫރެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.