ރާއްޖޭގެ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގަމުންދާ އިންޑިއާގެ ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗާގެ މުވައްޒަފުން ގުޅިފަޅުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ގުޅިފަޅުގައި އެ ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާކަން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ.
އެހެންނަމަވެސް އެ މުވައްޒަފުން މުޒާހަރާ ކުރަމުންދަނީ ކޮން ކަމަކާ ގުޅިގެންކަމެއް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އެފްކޮންސްގެ މުވައްޒަފުން ގުޅީފަޅުގައި މުޒާހަރާކުރަމުންދަނީ ގުޅިފަޅުގައި ހުންނަ އެފްކޮންސް މުވައްޒަފުން ދިރިއުޅޭ ބްލޮކްގައި ބުރާސްފަތި ދުވަހުގެރޭ ދަންވަރު އަލިފާން ރޯވި ހާދިސާގައި އެއް މުވައްޒަފަކު ގެއްލުނު މައްސަލާއާ ގުޅިގެންނެވެ.
ބުރިޖުގެ މަސައްކަތް ކުރުމަށް ގުޅީފަޅުގައި އަލަށް ހިއްކި ސަރަހައްދުގައި އެ ކުންފުނީގެ މުވައްޒަފުން މުޒާހަރާކުރަން ފަށާފައި ވަނީ އެ ހާދިސާގައި އެއް މުވައްޒަފަކު މަދުކަން އެނގި އެކަން ރިޕޯޓު ކުރުމުން ވެސް އެކަމާ ކުންފުނީގެ މެނޭޖުމަންޓުން އަޅާނުލުމުންނެވެ.
ގެއްލުނު މުވައްޒަފުގެ ހަށިގަނޑު ފެނިފައި ނުވާއިރު، ކުންފުނީގެ ބެލުމުގެ ދަށުން އެ ބޮލޮކްގައި ދިރިއުޅެނީ ކިތައް މީހުން ކަމެއް ވެސް މެނޭޖުމަންޓަށް ނޭނގޭ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.