އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 28 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއީއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެޕާޓީން ވަނީ އެދިފަ އެވެ.
އެމްޑީޕީންވަނީ ޕްރައިމަރީގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ޓައިމްލައިނެއްވެސް އާންމުކޮށްފަ އެވެ.
އެމްޑީޕީން ކަނޑައަޅާފައިވާ ޕްރައިމަރީގެ ޝެޑިއުލް
- ޕްރައިމަރީގެ ފޯމު ބަލައިގަތުމުގެ ފަހު ދުވަހަކީ ޑިސެމްބަރު، 24
- ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ޑިސެމްބަރު 26 ގައި އިއުލާންކުރާނެ
- ޕްރައިމަރީގެ ވޯޓާސް ލިސްޓު ޑިސެމްބަރު 28 ގައި އާއްމުކުރާނެ
- ޑިސެމްބަރު 31 ގައި ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނެ
- ޖެނުއަރީ 10 ގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނެ
ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނުގެ ޓީމުތަކާ އެކު މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް މި ހުޅުވާލީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ޕާޓީގެ ރައީސް ނަޝީދުގެ ފެކްޝަނުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. ދެ ފަޅިން ވެސް ވަނީ ޕްރައިމަރީ ކެމްޕޭނުގެ މަސައްކަތްތައް ފަށައިފަ އެވެ.