ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް މިއަދު އިއްވާތީ ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެއްޖެ އެވެ.

ވ. އާރަށު މައްސަލާގައި އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފުމުގެ ދައުވާއާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

މި މައްސަލާގައި ހުލާސާ ބަޔާން އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ހަސްމުންގެ ފަރާތުން އެންމެ ފަހު ބަޔާން އިއްވުމުން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން، ހުކުމް ކުރަން އޮންނަ މުއްދަތުގައި ހުކުމް ކުރައްވާނެ ކަމަށެވެ. ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ގައުމީ ދިދަ ހިފައިގެން މިއަދު ހެނދުނު ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: ޕީޕީއެމް

މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ނަގާފައިވާ ދިފާއަކީ ޔޫސުފް ނައީމާއެކު ކުރެއްވީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން އަދި ނުފަށަ އެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުމާ ދިމާކޮށް ޕީޕީއެމްގެ ލީޑަރުންނާއި އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ސަރަހައްދަށް ޖަމާވެފަ އެވެ. އަދި އެ ސަރަހައްދުގެ ބައެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުންތަކެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ސަޕޯޓަރުން ތިބީ ގައުމީ ދިދަ ހިފައިގެންނެވެ. އަދި އެ ސަރަހައްދުގައި ތިބެ އިންސާފުވެރި ޝަރީއަތެއް ކުރުމަށް ގޮވާލައި އަޑުއުފުލަމުން ދެ އެވެ.