ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ވ. އާރަށު މައްސަލާގައި އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފުމުގެ ދައުވާއާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިންނާއި ދިފާއީ ހެކިންގެ ހެކިބަހުން ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ރުކުންތައް ދައުލަތަށް ސާބިތުކޮށްދީފައިވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން މަޑުކޮށްލައްވައިގެން.

ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އަދަބާމެދު ވާހަކަދައްކަން ދިން ފުރުސަތުގައި ދައުލަތުން ވަނީ ރައީސް ޔާމީނުގެ މައްޗަށް މަދުވެގެން 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް އެދިފަ އެވެ.

ރައީސް ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް އެދުނީ އަދަބު ކަނޑައަޅާ މަޖިލިސް ބާއްވަން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެހެން ނަމަވެސް، ގާޒީ ވިދާޅުވީ އަދަބު ކަނޑައެޅުމަށް ބާއްވާ މަޖިލިސް މިއަދު މެންދުރު 2:30ގައި ބާއްވާނެ ކަމަށެވެ.