ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ 57 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ގޮތުން ވަނީ ޕާޓީއެއް ބާއްވާފަ އެވެ.

މި ޕާޓީގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ސަލްމާންގެ އާއިލާ މީހުންގެ އިތުރުން ބައެއް ރަހުމަތްތެރިން ވަނީ ބައިވެރިވެފަ އެވެ.

އެ ޕާޓީގައި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ އިތުރުން ސަލްމާން އެންމެ ފުރަތަމަ ރައްޓެހިވި ކުރީގެ ބަތަލާ ސަންގީތާ ބިޖިލާނީ ވެސް ބައިވެރިވި އެވެ.

މި ޕާޓީ ބާއްވާފައި ވަނީ ސަލްމާންގެ އަންހެން ކޮއްކޮ އަޕްރިތާ ޚާން ގޭގަ އެވެ. މި ޕާޓީގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ސަލްމާން ޚާން އާއި ސާހުރުކް ޚާން

ސަލްމާންގެ އުފަން ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ފޭނުން އަންނަނީ އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. އަދި ސަލްމާންގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ސަލްމާންގެ ދިރިއުޅޭ ގެ ސަރަހައްދަށް ވެސް ސަޕޯޓަރުން ވަނީ ގޮސްފަ އެވެ.

ސަލްމާން ބޮލީވުޑަށް ނުކުތީ 1988 ގައި ރިލީޒްކުރި "ބިވީ ތޯ އެއިސީ" ގެ ސަޕޯޓިން ރޯލަކުންނެވެ. އެކަމަކު އޭނަ ތަރިއަކަށް ބަދަލުކޮށްލި ފިލްމަކީ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ. އޭގެ ފަހުން މިހާތަނަށް ސަލްމާން ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ.

އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" އިންނެވެ.

އަންނަ އަހަރު ސަލްމާންގެ ދެ ފިލްމެއް ރިލީޒްވާނެ އެވެ. އެއީ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އާއި ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޓައިގާ 3" އެވެ.

އަންނަ އަހަރު ސަލްމާނަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމަންޓަރީ "ބިޔޯންޑް ދަ ސްޓާ" ގެ ނަމުގައި ގެނެސްދޭން ވެސް ހަމަޖެހިފައިވެ އެވެ.

ސަލްމާންގެ އުފަންދުވަހަކީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.