ޓަޝްކަންޓް (ޑިސެމްބަރު 29) - އިންޑިއާގެ ކުންފުންޏަކުން އުފެއްދި، ކެއްސުމުގެ ފަރުވާ އަށް ކުޑަކުދިންނަށް ދޭ ސިރަޕެއް ބޮއިގެން އުޒްބެކިސްތާނުން 10 ކުދިން މަރުވެފައިވާކަމުގެ ތުހުމަތު އެ ގައުމުގެ ހެލްތު މިނިސްޓަރީން ކޮށްފި އެވެ.
މިނިސްޓްރީން ބުނީ އިންޑިއާގެ މޭރިއޮން ބަޔޯޓެކް އިން އުފެއްދި ސިރަޕުގެ ބެޗެއްގައި ވިހަ މާއްދާއެއް ކަމަށްވާ އެތިލީން ގްލައިކޯލް ހުރި ކަމަށް ޕްރިލިމިނަރީ ޓެސްޓްތަކުން ދައްކާފައިވާ ކަމަށެވެ. ކުދިންނަށް ޑޮކް-1 މެކްސް ސިރަޕް ދީފައި ވަނީ ޑޮކްޓަރުގެ ބޭސް ސިޓީއާ ނުލައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. ކުޑަ ކުދިންނަށް ބޭސް ދީފައި ވަނީ އެ އުމުރުގެ ކުދިންނަށް ބޭސް ދޭން ޖެހޭ މިންވަރަށް ވުރެ ގިނައިން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޑޮކް-1 މެކްސް ގުޅަ ބޭހާއި ސިރަޕް އުޒްބެކިސްތާނުގައި ދަނީ 2012 ވަނަ އަހަރުން ފެށިގެން ވިއްކަމުންނެވެ.
އުޒްބެކިސްތާނުގައި ސިރަޕެއް ދީގެން ކުދިންތަކެއް މަރުވެފައި މި ވަނީ ގެމްބިއާގައި ވެސް އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ ސިރަޕެއް ދީގެން ކުޑަ ކުދިންތަކެއް މަރުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ކެއްސާތީ ދޭ ސިރަޕް ބޮއިގެން ކުޑަކުދިންތަކެއް މަރުވި ކަމަށް ބުނާ މައްސަލާގައި އިންޑިއާ އިން އަދި މެރިއޮން ބަޔޯޓެކުން ވެސް އަދިމިހާތަނަށް ކޮމެންޓްކޮށްފައެއް ނުވެ އެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އިންޑިއާގެ ހެލްތު މިނިސްޓްރީން ދަނީ އެ މައްސަލަ ބަލަމުންނެވެ.
މެރިއޮން ބަޔޯޓެކަކީ ވެރިރަށް ނިއު ދިއްލީއާ ކައިރީގައިވާ ނޮއިޑާ ކިޔާ ސިޓީއެއްގައި ގާއިމްކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ވެބްސައިޓް މިހާރު ވަނީ ޑައުންކޮށްފަ އެވެ. އެ މޭރިއަން ބަޔޯޓެކުގެ ލިންކެޑް އިން ޕޭޖުގައިވާ ގޮތުން އެއީ 1999 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ އުފެއްދުންތަކަކީ މެދުތެރޭ އޭޝިއާ އާއި މެދުތެރޭ އަދި ލެޓިން އެމެރިކާ އާއި ސައުތު އީސްޓް އޭޝިއާގެ އިތުރުން އެފްރިކާގައި ވެސް ވަރަށް އާއްމުކޮށް ބޭނުންކުރާ ބާވަތްތަކެވެ.
ދުނިޔޭގައި އުފައްދާ ބޭހުގެ ތިންބައިކުޅަ އެއްބައި އުފައްދަނީ އިންޑިއާ އިންނެވެ.
މެރިއޮން ބަޔޯޓެކުގެ އޮފިޝަލަކާ ހަވާލާދީ އޭއެންއަައި ނިއުސް އެޖެންސީން ބުނެފައި ވަނީ ކެއްސާތީ ދޭ ސިރަޕް އުފެއްދުން އެ ކުންފުނިން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.