ޑާކާރު (ޖެނުއަރީ 3) - ސެނެގާލްގެ ޕާލަމެންޓުގައި ހިންގި ވަރުގަދަ މާރާމާރީއެއްގައި މާބަނޑު މެންބަރަކަށް ހަމަލާ ދިންކަމުގެ ކުށުގައި އިދިކޮޅު ދެ މެންބަރުން ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ޕާލަމެންޓުގެ ބަޖެޓް ބަހުސްގައި މާބަނޑު އަންހެން މެންބަރު ވަނީ އިދިކޮޅު ދީނީ އިސް ފަރާތަކަށް ފާޑު ކިޔައިފަ އެވެ. އެ ކަމުގެ ރުޅީގައި އިދިކޮޅު ބައެއް މެންބަރުން އެ އަންހެން މީހާގެ ކައިރިއަށް ދުވެފައި ދިޔަ ވަގުތު ދެ މެންބަރަކު ވަނީ އަންހެން މީހާ އަށް ހަމަލާދީފަ އެވެ. ކުށްވެރިވެފައި ވަނީ މާބަނޑު މީހާގެ ގައިގައި ޖެހި ދެ މެންބަރުންނެވެ.
މާބަނޑު މީހާގެ ގައިގައި ޖެހި ދެ މެންބަރުން ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކުރުމުގެ އިތުރުން ފަނޑިޔާރު ވަނީ އެ ދެ މެންބަރުންގެ ފަރާތުން ފަސް މިލިއަން ސީއެފްއޭ ފްރޭންކްސް (8،100 ޑޮލަރު) ބަދަލެއްގެ ގޮތުގައި މާބަނޑު މީހާ އަށް ދިނުމަށް ވެސް ހުކުމްކޮށްފަ އެވެ.
ޕާލަމެންޓުގައި މާބަނޑު މީހާކަށް ހަމަލާ ދިން މައްސަލަ ވަނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ޕާލަމެންޓުގައި ކުރި ބަހުސްގައި އަންހެން މެންބަރު ދެއްކި ވާހަކައަކާ ހިތްހަމަނުޖެހިގެން އިދިކޮޅު މެންބަރަކު ގޮސް އޭނާގެ މޫނުމަތީގައި ވަނީ ޖަހައިފަ އެވެ. އެ ވަގުތު އަންހެން މެންބަރު ވެސް ރުޅިއައިސްގެން ދުވެފައި ގޮސް ވަނީ ގޮނޑިއެއް އެއްލައިފަ އެވެ. މި ހަމަނުޖެހުންގަނޑުގެ ތެރޭގައި މާބަނޑު މީހާ ވެއްޓިފައި އޮއްވައި އިދިކޮޅު އެހެން މެންބަރަކު ވަނީ އޭނާގެ ބަނޑުގައި ކޮޅުފައިން ޖަހައިފަ އެވެ. އެ ހަމަލާ އަށް ފަހު ހަބަރު ހުސްވެގެން އެ އަންހެން މީހާ ވަނީ ޕާލަމެންޓް ތެރެއަށް ވެއްޓިފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވެރިކަންކުރާ ޕާޓީގެ އެ މެންބަރުގެ ދަރި ވެއްޓިދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިޚާބުގައި ސަރުކާރަށް އަޣުލަބިއްޔަތު ގެއްލުނު ފަހުން ޕާލަމެންޓުގައި ވަނީ ދެ ފަރާތުގެ ޒުވާބު ބޮޑުވެފަ އެވެ.
ޕާލަމެންޓުގެ މަރާމާރީ އަށް ފަހު ހަމަލާ ދިން މެންބަރުންނަށް އިމްތިޔާޒު ލިބިގެންވާ ކަމަށް ކޯޓުގައި ބުނި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
މި ރާއްޖޭޣައި ވެސް ޕާލަމެންޓުގައި ތަޅާފޮޅާ މީހުން ޖަލަށްލާންވީ. އޭރުން އެ ތަން ރަނގަޅުވާނީ