ޓާމިނަލް ކެފޭ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް މަރާލި މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް މިހާތަނަށް ނިންމައިފައެއް ނުވެ އެވެ.

ނަދީމު މަރާލާފައި ވަނީ 2017 ޖުލައި 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ޓާމިލަން ކެފޭއަށް ދިޔަ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބަޔަކު އޭނާ މަރާލީ މޫނު ނިވާކޮށްގެން ތިބެ އެވެ.

އޭނާ މަރާލިކަމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމުގެ މައްޗަށެވެ. ނަދީމް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިން އާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ. ނަދީމަށް މަފާޒް ވަޅިން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ދެ މީހަކު ހެކިބަސް ދީފައިވެ އެވެ. އަދި ފަހުން އެ ދެ މީހުން ވަނީ އެ ހެކިބަސް އަނބުރާ ގެންދަން ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅައިފަ އެވެ. ދެން ތިބި މީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.