ގާނޫނުއަސާސީ ބަދަލު ކޮށްގެން ތިން ވަނަ ދައުރެއްގައި ވެސް ވެރިކަން ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.

ރައީސް ސޯލިހަށް ތާއީދުކުރާ ކެމްޕެއިން ގުރޫޕްތަކާއެކު ހުޅުމާލޭ ބްރައިޓްވޭ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި އެހެން ވިދާޅުވީ، ވާދަވެރި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، މި ދައުރު އެކީ ނިންމެވުމަށް ފަހު އަނެއްކާ އެހެން ދައުރެއްގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން އަންނަ އިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ވިދާޅުވީ ތިން ވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ހުޅުމާލެ އިން ތާއީދުކުރާ ކެމްޕެއިން ގުރޫޕްތަކާއެކު ބްރައިޓްވޭ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް ސޯލިހު ކެމްޕޭން ޓީމް

ނަމަވެސް ނަޝީދުގެ ނަން ވިދާޅު ނުވެ، މީޑިއާގައި މިއަދު ހުރި ސިޔާސީ ސުރުހީތަކަށް އިޝާރާތް ކުރައްވައި ވަރަށް ސާފުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރިޔާސީ ތިންވަނަ ދައުރެއް އަދި ބަރުލަމާނީ ނިޒާމުގެ ތެރޭގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް. އެހެންވެ، ރިޔާސީ އިންތިހާބަކަށް ކުރިމަތިލައިގެން މި ހުރީ. ބަރުލަމާނީ ނިޒާމަށް އަޅުގަނޑު ތާއީދު ކުރާ ނަމަ އަޅުގަނޑު ރިޔާސީ އިންތިހާބަކަށް ކުރިމައްޗެއް ނުލީސް. އެހެންވީމާ ތިބޭފުޅުން ކުރިއަށް މި އޮތް ޕްރައިމަރީގައި ވަރަށް ފުންކޮށް ވިސްނަވާފައި ވޯޓު ދެއްވަން ވާނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާނޫނުއަސާސީ ބަދަލު ކޮށްގެން ވެރިކަމަށް ވަޑައިނުގެންނެވިގެން އުޅުއްވަނީ ކޮން ބޭފުޅެއް ކަން އެންމެނަށް ވެސް ސާފުވާ ކަމަށެވެ.

https://www.youtube.com/watch?v=Zj37To3AXTY

"ކާކުތޯ ގާނޫނުއަސާސީ ބަދަލު ކޮށްގެން ވެރިކަމަށް އަންނަން އުޅެނީ. ވެރިކަން ވެރިކަން ވެރިކަން ނޫން އެއްޗެއް ނެތް. ނިޒާމް ބަދަލުކޮށްގެން ވެސް ގާނޫނުއަސާސީ ބަދަލުކޮށްގެން ވެސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްތޯ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބެއްގައި އޮންނަނީ ދެ ދައުރު ކަމަށާއި އެއަށް ވުރެ އިތުރަށް ކުރިމަތިލާން ގަސްދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯޅިހު ވެރިކަމަށް ގެންނެވީ ވެސް އަދި ވެރިކަމުން ބާލުވާނީ ވެސް އެ މަނިކުފާނު ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ހުޅުމާލެ އިން ތާއީދުކުރާ ކެމްޕެއިން ގުރޫޕްތަކާއެކު ބްރައިޓްވޭ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް ސޯލިހު ކެމްޕޭން ޓީމް

އެކަމަށް ރައްދު ދެއްވައި ރައީސް މިރޭ ވިދާޅުވީ މީހުން ވެރިކަމަށް ގެނައުމާއި ބޭލުވުމަކީ އިންސާނުންގެ އަތްމަތީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނު މިހާރު ހުރި މަގާމަށް ވަޑައިގެންނެވުނީ ވެސް ދެމި ހުންނެވެނީ ވެސް އެންމެ މީހެއްގެ ތާއީދު ލިބިގެން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ﷲ އިރާދަފުޅުން ތި ހުރިހާ ބޭފުޅުންގެ ތާއީދާއި އިތުބާރާއި އެއްބާރުލުމާއެކީގައި އަޅުގަނޑު މި ހުރީ ވެރިކަމުގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.