90 ގެ އަހަރުތަކުގައި ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ، އޭނާގެ ގޭގައި ހައްދާފައިވާ ގަސްތައް އާންމުންނަށް ދައްކާލައިފި އެވެ.

ކެލިފޯނިއާގެ ސިޓީއެއް ކަމުގައިވާ ލޮސް އެންޖެލޭގައި ވަޒަންވެރިވެފައިވާ ޕްރިތީ ގައުމާއި ދުރުގައި ދިރިއުޅުނު ނަމަވެސް، ގައުމާއި ގުޅުން ކެނޑިފައި ނުވާކަން އަންގައިދިނުމަށް އޭނާ އާންމުންނާއި ސޯޝަލްމީޑިއާގެ ޒަރިއްޔާއިން ވަރަށް ގިނައިން މުހާތަބުކުރެ އެވެ.

އޭނާ ދަނޑު ހައްދައި އުޅެނީ ގޭތެރޭގައި ކަމަށް ހިންދީ ބަހުން އޭނާ ބުނެފައިވާއިރު، ޕްރިތީ ހައްދާ ތަކެތީގެ ތެރޭގައި އެކި ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ހިމެނެ އެވެ. އެގޮތުން ދާދި ފަހުން ޕްރިތީ ވަނީ އޭނާ ހައްދާފައިވާ އާފަލު ގަސްތަކެއްގެ ވީޑިއޯއެއް އާންމުންނާއި ހިއްސާކޮށްފަ އެވެ.

ޕްރިތީ ބުނިގޮތުގައި އޭނާ ހައްދާފައިވާ ހުރިހާ ގަހެއްގެ ތެރެއިންވެސް އާފަލު ގަސް މުހިންމު ވަނީ އެގަސްތަކުގެ ސަބަބުން އޭނާގެ އުފަން ރަށްކަމަށްވާ ހިމާޗަލްގެ މަތިން ހަނދާން ކުރުވާތީ އެވެ.

ގަސް ހެއްދުމަށް ޕްރިތީގެ ޝައުގުވެރިކަން އުފެދުނީ ކޮވިޑާއި ގުޅިގެން ފުރަ ބަންދުގައި ހުންނަން ޖެހުމުން ކަމަށް އޭނާ ބުނެ އެވެ. ޕްރިތީ ބުނިގޮތުގައި ގަސް ހެއްދުމުން އޭނާއަށް ބަޔާންކުރަން ދަތި އުފާވެރިކަމަކާއި ހިތްހަމަޖެހުން އަދި އުންމީދު ގެނެސްދެ އެވެ.