އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެނެވެން އޮތީ ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެން ކަމަށާއި ރައްޔިތުން ބޭނުންނަމަ ސަރުކާރުން އޮތީ އެކަން ކުރަން ތައްޔާރަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ފޭދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ޝަންގްރިއްލާ ހިންގަމުން އައީ ސަރުކާރާ އެކު ޗޮއިންޓްވެންޗާ ހަދައިގެން ކަމަށެވެ. ނަމަވެސް އެތަން ވާނުވާ އެއްވެސް ސަރުކާރަކުން ނުބަލާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެތަން އަލުން އޮޕަރޭޝަނަށް ގެންނަން މި ސަރުކާރުން ބެލިއިރު، ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވާ ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަމުގައި ވަންޏާ އަޅުގަނޑުމެން މި ތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފައި އެ ކަން ކުރެވޭނެ ގޮތެއް ހޯދަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ހިއްސާ ދޫކޮށްލާނަމަ އިހުމާލުވީ ބަޔަކު ހޯދައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.