ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅުރައްތައް ބަހާލީ ކަމަށް ވިދާޅުވެ، ނަޝީދުގެ ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެން، ފޭދޫގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިޔާ ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ނަމުގައި ހިންގީ ބޮޑު ސަކަރާތްގަނޑެއް ކަމަށާއި އެ ސަކަރާތްގަނޑުން ސަރުކާރު އުޅެނީ އަދިވެސް އަރައިނުގަނެވިގެން ކަމަށެވެ.

"އެ ރަށްތަކުގެ އެގްރިމެންޓްތައް ހަދާފައިވާ ގޮތުން، އޭގެ ބުރަ ދައުލަތަށް ވަނީ ޖެހިފައި. އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑުކުރޭ. އެއް ބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެއަށް ވުރެ ބޮޑަށް. ކިހިނެއްތޯ، މިކަން ކުރާނީ. އެގްރިމަންޓްތަކާ އެއްޗެހި ހެދިފައި ހުރި ގޮތުން ނެތް މިކަމުން އަރައިގަނެވޭކަށް،" ނަޝީދުގެ ވެރިކަމުގައި އަތޮޅުތަކުގައި ދަތުރުފަތުރުގެ ނިޒާމު ފަށަން ޝަރުތުކޮށް ރިސޯޓް ހަދަން ރަށްތައް ދިން އެއްބަސްވުންތައް ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުން އުވާލުމުން ބަދަލުދޭން ޖެހުނު މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

"ދަތުރުފަތުރުގެ ނިޒާމް ފައްޓަން މަސައްކަތް ކުރެއްވި. ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅުރަށެއް ލިބޭ. ބަހަމުން ދިޔައީ،
ރައީސް ސޯލިހު

ރައީސް ވިދާޅުވީ މި ސަރުކާރުން ކަންތައް ކުރަނީ ދުރާލައި ރާވައިގެން ނަޝީދު ސަރުކާރުން ކަންތައް ކުރި ގޮތް މި ސަރުކާރަށް ނުޖެހޭނެ ގޮތަށް ކަމަށެވެ. އަދި އޭރު ކަންތައް ކުރީ ރޭވުމެއް ނެތި ކުއްލި ކުއްލި އަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.