ސަރުކާރުގެ ވަޒީފާތައް ގިނަވުމަކީ، ޒުވާނުން ކޮންޓްރޯލް ކުރަން ކުރާ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ތ. ގުރައިދޫއަށް ވަޑައިގަންނަވާފައިވާއިރު، އެރަށުގައި ބޭއްވި ބައްދަލުވުމުގައި ސަޕޯޓަރުންނާއި ވާހަކަދައްކަވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ސަރުކާރުގެ ވަޒީފާތަކަށް ޒުވާނުން ވެއްދުމުގެ ސިޔާސަތަކީ ކޮމިއުނިސްޓް ޤައުމުތަކުން އާއްމުކޮށް ފެންނަ ސިޔާތެއް ކަމަށެވެ.

އެގޮތުން ކޮމިއުނިސްޓް ގައުމުތަކުގައި އެގައުމެއްގެ ހުރިހާ ރައްޔިތުން ތިބެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ސަރުކާރަށް ނުކިޔަމަންތެރިވާނަމަ ދިރިއުޅުން އާރާސްތު ކުރުމުގެ ފުރުސަތު އެބަޔަކަށް ގެއްލިގެންދާ ކަމަށެވެ. ހަމައެހެންމެ އެފަދައިން ވަޒީފާ ދެނީ ޒުވާނުން ކޮންޓްރޯލްކޮށްގެން ބެހެއްޓުމަށް ކަމަށް ތުހުމަތުކުރައްވައި ނަޝީދު ވަނީ އެއީ އެ ރަށެއްގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށް ވިދާޅުވެފަ އެވެ.

"ސްކޫލު ނިންމާ ކުދިން 5-6 ރުފިޔާގެ މުސާރައަކަށް މަގު ކޮންނަން ޖެއްސީމަ، އެއީ ރަށު ތަރައްގީ ގެއްލޭ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ނަޝީދު ވަނީ އާރްޑީސީ އަށާއި ފެނަކަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީގެ ސިޔާސަތަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ބާރުވެރި ކުރުވުން ކަމަށްވާއިރު، ސަރުކާރުގެ ހުރިހާ ކަމެއް ސަރުކާރުގެ ކުންފުނިތަކުން ކުރުމަކީ އެންމެ ރަނގަޅު ސިޔާސަތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.