ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑު އަށް ގެނެސްދީފައި ވަނީ "އުފުރާލައިގެން" ގެންދެވޭ ތަރައްގީކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ނަޝީދުގެ ސަރުކާރުން އައްޑޫގައި ހިންގި މަޝްރޫއުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މި މަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ތާއީދު ހޯދުމަށް އައްޑު އަށް ވަޑައިގެން ހިތަދޫގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އައްޑު އަށް ކޮށްދީފައި ހުރީ ވަގުތީ ކަންކަން ކަމަށެވެ. އެކަމަށް މިސާލު ޖައްސަވަމުން ރައީސް ނެންގެވީ 2011 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބާއްވަން އޭރުގެ ސަރުކާރުން ކުރި މަސްކަތްތަކަށެވެ.

"ސާކް ސަމިޓު ނިމިގެން ދިޔައިރު ވެގެން ދިޔަ ގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެތާ ހުރި ގޮނޑިކޮޅާ އެއްޗެހި ހިފައިގެން އޭރުގެ ސަރުކާރުން ދިޔައީ،" ސާކް ސަމިޓް ބާއްވަން އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރުގައި ބޭނުންކުރި ބައެއް ތަކެތި މާލެ ގެނައުމުން އެކަމަށް ފާޑު ވިދާޅުވެ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫ އަށް މި ސަރުކާރަށް ވުރެ ބޮޑު ތަރައްގީއެއް ގެނައި ވެރިކަމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާން ގެނެސްދެއްވާނީ އުފުރާލައިގެން ނުގެންދެވޭ ދާއިމީ ތަރައްގީ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން އައްޑޫ ސިޓީގެ އެކި ރަށްތަކުގެ މަގު ހެދުމާއި އައްޑޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.