ރާއްޖޭގެ ދެކުނުގައި ސަރުކާރުން ގާއިމްކުރާ މަސް ފެކްޓްރީތައް ވީހާވެސް އަވަހަކަށް ބޭނުންކުރެވޭގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއް ކަމަށާއި ސަރުކާރުން މަސްވެރިން ބާކީކޮށްނުލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން މިއަދު މަސްވެރިކަމުގެ ދާއިރާގައި އެސިނާއަތުގައި ކުރަމުންގެންދާ މަސައްކަތަކީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް. އަޅުގަނޑު ބޭނުން މަސްވެރިންނަށް މިއަށްވުރެ ރަނގަޅުގޮތްތައް ހޯދައިދޭން. އޭގެ ބޭނުމުގައި ހުވަދޫގައާއި އައްޑޫގައި ހުރި މަސްފެކްޓްރީ ވީހާވެސް އަވަހަކަށް ބޭނުންކުރެވޭ ގޮތްހަދާ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

މިހާރު މަސްވެރިންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ތެލުގެ އަގު ބޮޑުވުމެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ބޮޑުވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމުން ކަމަށެވެ.