ބިން ހިއްކުމަށް ވަޢުދުވެވަޑައިގެންނެވި ހުރިހާ ރަށެއްގައި މި ދައުރު ނިމުމުގެ ކުރިން ބިން ހިއްކާ ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިމަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް އުތުރު ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހއ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ހިއްކަން ހަމަޖެހި އަދި މަސައްކަތް ނުފެށި ހުރި ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ބޭރުގެ ކުރިއަށްގެންދިޔުމަށް ބޭރުގެ ކުންފުންޏަކާއެކު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، ބިން ހިއްކުމަށް ވީ ވައުދުގެ ދަށުން މިގޮތަށް ހުރި ހުރިހާ ރަށެއްގެ މަސައްކަތް އެގްރިމެންޓް އުސޫލުން މިދައުރުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ބިން ހިއްކުމަށް އަޅުގަނޑުމެން ވީ ވައުދުތަކުގެ ތެރެއިން ނުނިމިހުރި ރަށްތައް އެއްކޮށް ހިއްކުމަށްޓަކައި ބޭރުގެ ކުންފުންޏަކާ އެކީގައި މިދަނީ މަޝްވަރާކުރަމުން. އަޅުގަނޑުގެ ވިސްނުމަކީ މިހުރިހާ ރަށެއްގެ ބިން ހިއްކުން، ބިން ބޮޑުކުރުން ވަކި ބަޔަކާ ހަވާލުކޮށް، އެގްރިމަންޓްގައި ސޮއިކޮށް، އެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާލުން. މިގޮތުން ދިއްދޫ ވެސް އޭގެ ތެރޭގައި އަޅުގަނޑުމެން ހިމަނާން،" ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނެކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ބިން ހިއްކުމަށް އަޅުގަނޑުމެން ވީ ވައުދުތަކުގެ ތެރެއިން ނުނިމިހުރި ރަށްތައް އެއްކޮށް ހިއްކުމަށްޓަކައި ބޭރުގެ ކުންފުންޏަކާ އެކީގައި މިދަނީ މަޝްވަރާކުރަމުން. އަޅުގަނޑުގެ ވިސްނުމަކީ މިހުރިހާ ރަށެއްގެ ބިން ހިއްކުން، ބިން ބޮޑުކުރުން ވަކި ބަޔަކާ ހަވާލުކޮށް، އެގްރިމަންޓްގައި ސޮއިކޮށް، އެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާލުން.
ރައީސް

ރައީސް ވަނީ އެ ރަށުގައި ހިއްކާ ބިމުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ފުޅާކުރެވިދާނެކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި އެ މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދިއްދޫ ރައްޔިތުން ބޭނުވެފައިވާ ތަރައްގީގެ އެކި މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގައި މިހާރު ތަރައްގީކުރަމުން އަންނަ 75 ރޯހައުސް މަޝްރޫއަށް އިތުރު 25 ރޯހައުސް އިތުރުކޮށްދެއްވުމަށް ނިންމަވާ އެކަން ވެސް އިއުލާން ކުރައްވާފަ އެވެ.

"އެ އެދިލެއްވި ފަދައިން ދިއްދޫގައި މިހާރު މަސައްކަތް ހިނގަމުން އަންނަ 75 ހައުސިން ޔުނިޓުގެ ތެރެއަށް އިތުރު 25 ރޯހައުސް އިތުރުކުރަން އެހުށައެޅި ހުށައެޅުން އަޅުގަނޑު ބަލައިގަނެ، އިރާދަކުރެއްވިޔާއެކަން އޭގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ދިއްދޫ ރައްޔިތުން މިވަގުތު ބޭނުންވެފައިވާ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން އެރަށުގެ ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތް ވެސް މިދައުރުގެ ތެރޭގައި ނިމިގެން ދާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ޕްރައިމަރީއަކީ ވަރަށް ގިނަ ގޮތް ގޮތުން ހާއްސަ ޕްރައިމަރީއެއް ކަމަށާއި ނިންމަން ޖެހޭ ނިންމުން ވަރަށް މުހިންމު ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން ކުރިއަށް ދާނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށްތޯ ނުވަތަ ތަރައްގީ އާ ދިމާލަށް ކުރިޔަށް ދާނެތޯ އެއީ އޮތް ސުވާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދަތުރުފަތުރުގެ ނިޒާމާއި މިސްކިތްތަކާއި އިސްލާމިކް ސެންޓަރުގެ މަސައްކަތްތަކާއި ކުޅިވަރުގެ އެތައް ޕްރޮޖެކްޓެއް ހިންގަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ހަގީގީ މަސައްކަތް ކުރަން ލިބުނީ ދެ އަހަރައި ބައި ވަރު. އެވަރު ވެސް ނުލިބޭ އެހެން ނަމަވެސް މި ދައްޗާއެކުގައި މި ދާއިރާގައި މި ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވި އެވެ. "ވޭތުވެދިޔަ ފަސް އަހަރު، ކީއްކުރަންތޯ 10 އަހަރު ވެސް ނުކުރެވިފައި ހުރި ވަރުގެ ތަރައްގީގެ މަޝްރޫއުތައް ކޮވިޑުގެ ދައްޗާއެކު މިގެންދަނީ ކުރިޔަށް."