މިވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމާއިރު، މި ސަރުކާރުން ފަށްޓަވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ %90 އަށް ވުރެ ބޮޑުބައި ނިންމޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ކުރިނބީގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތަކަށް އިސްކަމެއް ދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ބޮޑެތި ރަށްރަށުގައި ވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ނިންމައި ހިދުމަތް ޚިދުމަތް ލިބެމުންދާނެ ކަމަށެވެ.

"ކުދި ރަށްތައް ބާކީ ނުކޮށް ބޮޑެތި ރަށްތަކަށް ވެސް ހިދުމަތް ފޯރުކޮށްދެމުން މި ދަނީ. އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ނިމި ހިދުމަތް ލިބޭ ވަރު ވާތަން އެބަ ފެނޭ،" ރައީސް ވިދާޅުވި އެވެ.

ހދ.ކުރިނބީ އެމްޑީޕީ ސަޕޯޓަރުންނާ ރައީސް ސޯލިހު މިއަދު މެންދުރު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް ސޯލިހު ކެމްޕޭން

ހދ. ކުރިނބީގައި ހިނގާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ. އަދި އެރަށުގެ ޖެޓީ ބޮޑު ކުރުމަށް މިހާރު އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކުރިނބީގެ ތަރައްގީއަށް އެކަނިވެސް މިދައުރުގައި 30 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ކަރަންޓް ސަބްސީޑި ދިނުމަށް އެ ރަށުގެ ރައްޔިތުންނަށް 61 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި ހޭދަކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ކުރިނބީގެ ތަރައްގީއަށް ކުރެވޭ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށާއި، މިއީ މިއިން ޒަމާނަކު ކޮށްފައިނުވާ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި އިންވެސްޓްމަންޓްގެ ނަތިޖާ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގްތިސޯދުން ފެންނަމުންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.