ބްރުސެލްސް (19 ޖެނުއަރީ) - އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ)އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ހުށައަޅަން ޔޫރަޕިއަން ޕާލިމެންޓުން ނިންމައިފި އެވެ.
ޔޫރަޕިއަން ޕާލިމެންޓުގައި ނެގި ވޯޓަކުން އައިއާރްޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމަން ފާސްވެފައި ވަނީ އެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.
ޔޮރަޕިއަން ޕާލިމެންޓުން ހުށައަޅާ ހުށައެޅުމަށް އެންމެ ފަހުގެ ނިންމުން ނިންމާނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންނެވެ. އެހެން ނަމަވެސް ޕާލިމެންޓުގެ ނިންމުންތައް ފާސްކުރަން އީޔޫއަކަށް މަޖުބޫރެއް ނޫނެވެ.
ޕާލިމެންޓުން ފާސްކުރި ހުށައެޅުމުގައި ބުނެފައިވަނީ އައިއާރްޖީސީގެ ސިޔާސަތުތަކާއި އަމަލުތައް ހުންނަ ގޮތުން އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.
އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި އައިއާރްޖީސީގެ ސިފައިން އާއްމުންނަށް އެކި ވަރުގެ އަނިޔާ ކުރަމުން ގެންދާއިރު ރަޝިއާއަށް އަސްކަރީ ހަތިޔާރު ފޮނުވުމުގެ ސަބަބުން ވެސް އީރާނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ޔޫރަޕްގެ މި ނިންމުމާއަކު އީރާނުން ވަނީ އައިއާރުޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމައިފި ނަމަ އީޔޫއަށާއި އެޖަމާއަތުގެ ގައުމުތަކަށް ރަނގަޅު ނުވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އައިއާރްޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ ޖަމާއަތުގައި ބައިވެރިވުމާއި އެ ޖަމާއަތުން ރާވާ ހިންގާ އެއްވެސް ކަމެއްގައި ހިއްސާވުމަކީ ގާނޫނީ ކުށަކަށް ވާނެ އެވެ. -- އަލް އަރަބިއްޔާ