ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އޯކޭ" އެއް ނޫން ކަމަށާއި އެމަނިކުފާނާ އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އޯކޭ ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވި އިރު، އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްކަވައިފަ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ވުރެ ތަންދޮރު ދަންނަ، ވިޝަނެއް ހުންނެވި ބޭފުޅެއް ކަމަށެވެ. ޔާމީން އާއި ޕީޕީއެމްއާ ދޭތެރޭގައި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ގެންދަވާތީ ކަމަށް ވިދާޅުވި އެވެ.

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާގެ ވާދަކުރާ ރައީސް ސޯލިހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވިދާޅުވީ ޑިމޮކްރަސީއަށްޓަކައި އަދި ރާއްޖޭގެ ނިޒާމު ހަމަ މަގުން ހިންގުމަށްޓަކައި ކުރަން ބޭނުން ނުވާނެ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައި އެމްޑީޕީގެ މެންބަރުން އަނިޔާ އާއި ދެއްކި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނާއި އެކުގައި ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމީހުންނާ އެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ،" ޖޯޝާ ފޯރީގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް ސޯލިހުގެ ކެމްޕޭން ޓީމް

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން މިހާތަނަށް ކޮށް ނިންމާފައިވާ މަސައްކަތްތަކުގެ ތަފްސީލު އަދަދުން ހިއްސާ ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުން ނިންމާނީ ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރާނީތޯ ނޫނީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނީ ޕެޕާ ސްޕްރޭ އާއި ކަރަންޓު މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ރައީސް ވިދާޅުވި އެވެ.

"މިއީ އެމްޑީޕީ ދެވަނަ ދައުރަކަށް ދިއުމަށް ލިބޭ ފުރަތަމަ ފުރުސަތު. ތިޔަ ބޭފުޅުން މި ފުރުސަތުގެ ބޭނުން ހިފާ. އަޅުގަނޑު މިހުރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް. މިތަނުން މިއޮތީ އެކަން ނިންމާފައި. ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުން ވަނީ ހަމަޖެހިގެން އުޅެވޭނެ ގޮތެއް ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ފެންވަރު ރަނގަޅު ތައުލީމެއް ކަމަށާއި ހެޔޮވަރު ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި 16،000 އަށްވުރެ ގިނަ ރޯހައުސް އާއި ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުޑަ ޝައްކެއް ވިއަސް ނުކުރައްވާތި، ކުޑަ ޝައްކެއްވިއަސް ނުކުރައްވާތި، މާލެ ތޮއްޖެހި މާލެ ހަމަނޭވާ އަށް ފެއްތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް ސޯލިހުގެ ކެމްޕޭން ޓީމް

ރާއްޖެއަށް ގެނެވިފައިވާ ޒަމާނީ ކޮންމެ ބަދަލެއް ފަހަތުގައި ވަނީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ކުރިމަތިވި ކޮންމެ ބިރަކާއި ނުރައްކަލަކާއި ގޮންޖެހުމެއް އެމްޑީޕީގެ މެމްބަރުން ހުރަސް ކުރީ ސާބިތުކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އަނިޔާވެރިކަން ނެތި ބިރުވެރިކަން ފިލައި ހައްގުތައް ކަށަވަރުވި އިރު، ބުރައިގެ މައްޗަށް ބުރަ، ބިރުގެ މައްޗަށް ބިރު، އަނިޔާގެ މައްޗަށް އަނިޔާ ތަކުރާރުކޮށް ތަހަންމަލު ކުރި ބަޔަކީ ވެސް އެމްޑީޕީ ކަމަށެވެ.