ބޮލީވުޑްގެ އެކްޓްރެސް ޒަރީން ޚާން ފަލަކަމަށް ބުނެ އާންމުން އޭނާއަށް މަލާމާތްކޮށްފި އެވެ.

ބޮލީވުޑް ތަރި ސަލްމާން ޚާންއާ އެކު ކުޅުނު ފިލްމު "ވީރް" އިން މަޝްހޫރުކަން ހޯދި ޒަރީން މިއަދު ވަނީ އިންޑިއާގެ އެއާޕޯޓަކުން އާންމުންނަށް ފެނިފަ އެވެ. އަދި އޭރު އޭނާ ލައިގެން ހުރީ ކުރު ގަދަ ނޫކުލައިގެ ހެދުމެކެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ ޒަރީންގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް އައިކަން ފާހަގަކޮށްފަ އެވެ. އެގޮތުން ޒަރީން ވަނީ ވަރަށް ބޮޑަށް ފަލަވެފައި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. ޒަރީންގެ އެއާޕޯޓުގައި ހުރި ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ޒަރީން ފިލްމީ އިންޑަސްޓްރީއަށް އެންމެ ފުރަތަމަ ނެގީ، އޭނާގެ ސޫރަ މަޝްހޫރު ބޮލީވުޑް ފަންނާނެއް ކަމަށްވާ ކެޓްރީނާ ކެއިފްއާ ވައްތަރުވުމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.

ކެޓްރީނާއަކީ ސަލްމާން ޚާންގެ ކުރީގެ ލޯބިވެރިޔާ އެވެ. ސަލްމާން ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އައިޝްވަރްޔާ ރާއީއާ ވައްތަރު ކުއްޖަކު ވެސް ބޮލީވުޑަށް ނެރެފަ އެވެ.