ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިހާރު ސިޔާސީ ގުޅުމެއް ނެތް ކަމަށާއި އެ މަނިކުފާނު ނުގުޅުއްވާތާ ވެސް އަހަރެއް ވެއްޖެ ކަމަށް، ކުރީގެ ރައީސް/ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސާ ވާދަކުރައްވާ ނަޝީދު، އެމަނިކުފާނުގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނުގުޅާތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާ ކަމަށެވެ.

" ބޮމުގެ ހާދިސާގައި ވެސް އަޅުގަނޑު ޖަރުމަނުގައި އޮތް ހާ ދުވަހު އަދި އިނގިރޭސިވިލާތުގައި އޮތްހާ ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ގުޅުއްވީ އެއް ދުވަހު. އަޅުގަނޑަކާ ރައީސުލް ޖުމްހޫރިއްޔާއަކާ ގުޅުމެއް ނެތް،" ނޫސްވެރިއާގެ ސުވާލަށް ޖާވަބު ދެއްވައި ނަޝީދު ވިދާޅުވި އެވެ.

ރައީސާއި ނަޝީދަކީ، މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ވަރަށް ރަހުމަތްތެރި ދެ ބޭފުޅުންނެވެ. އަދި ރައީސް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވެސް ނަޝީދާ ދެބޭންގެ ދެދަރި ބޭފުޅަކާ އެވެ. އެކަމަކު، ރައީސް ކަމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެ ވަޑައިގެން، އޭގެ ފަހުން ވޭތުވެދިޔަ އަހަރެއްހާ ދުވަސް ނަޝީދު ގެންދަވަނީ މި ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

"އަޅުގަނޑާ ރައިސުލްޖުމްހޫރިއްޔާއަކާ ގުޅުމެއް ނެތް. އަޅުގަނޑުމެން ކަންބޮޑުވެގެން ދަނީ އިއްތިހާދާ ގުޅުން ބޭއްވުމުގެ ނިޔަތުގައި އަދި އަމިއްލަ އަށް ފާހަގަވުމުގެ ބޭނުމުގައި އަޅުގަނޑާ މަޝްވަރާކުރުން ވަނީ ހުއްޓުވާލާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެކި ކަންކަމުގައި ރައީސް، އެ މަނިކުފާނާ މަޝްވަރާ ކުރެއްވުން ހުއްޓާލީ، އެ ދެ ބޭފުޅުން މަޝްވަރާކޮށްފި ނަމަ ރައީސް "ޝައިން" ވާލެއް ކުޑަވެގެންދާނެ ކަމަށް އެ މަނިކުފާނު ކައިރީގައި ތިއްބެވި ބޭފުޅުން ދެކެވަޑައިގަންނަވާތީ އެވެ.

ނަމަވެސް އެއީ ތާކުންތާކު ޖެހޭ ވިސްނުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ތާކުންތާކު ނުޖެހޭ ފިކުރެއްގައި [ރައީސް] އުޅުއްވަނީ." ނަޝީދު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އަކީ، މިހާތަނަށް އެ ޕާޓީގެ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވަނީ އެ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޕްރައިމަރީ ކާމިޔާބު ނުވެއްޖެ ނަމަ، ނަޝީދުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ޕްރައިމަރީން ބަލިވެއްޖެ ނަމަ ނަޝީދު ހައްދަވާނީ ކިހިނެއްތޯ، ތަކުރާރުކޮށް މިއަދު ނޫސްވެރިން ސުވާލު ކުރުމުން ވެސް އެމަނިކުފާނު އެއަކަށް ޖަވާބެއް ނުދެއްވި އެވެ.

ނަޝީދު ގެންދަވަނީ ރައީސް ސޯލިހު އެމަނިކުފާނަށް ވުރެ ކޯލިޝަންއަށް އިސްކަން ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަށް ކޯލިޝަން ދަމަހައްޓަން "ފޯމިއުލާ" އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ އެއީ މާ ތާހިރު ފޯމިއުލާއެއް ނޫން ކަމަށާއި އެ ފޯމިއުލާންއިން ކޯލިޝަނުން ބަޔަކަށް ނާޖާއިޒު ފައިދާތައް ލިބެނީ ކަމަށެވެ.