ހިޔާލު ފާޅުކުރުމަކީ ކަންފަތުގެ ތޫރި ފޫއަޅުވާލުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އއ.އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޙާތަބް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ތިމާފާޅުކުރާ ހިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށް ވެގެން ނުވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހުރިހާ ހައްގެއް ފުރިހަމައަށް ރައްޔިތުންނަށް ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ހައްގުތައް ބޭނުންކުރާ ގޮތުން އެހެން ބަޔަކަށް ދުއްތުރާވާނަމަ ފިޔަވަޅުއަޅުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

"2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހުގައި އެއްވެސް ކަހަލަ ހުރަހެއްނެތި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫސްވެރިކަމުގެ މިނިވަންކަން އެއްވެ އުޅުމުގެ މިނިވަންކަން ދޫކޮށްލީ. އެހެން ނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަންޖެހޭނެ. ތިމާފާޅުކުރާ ހިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮސްސިއްޔާ ދެން ޖެހޭނީ އެއާއި ދޭތެރޭގައި ވެރިކަމުގަ ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް އެމަންޒަރު ބައެއްފަހަރު ފެނޭ،" އިދިކޮޅުން މިހާރު ކުރަމުންދާ އިހްތިޖާޖުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ހާލެއްގައި އެއްވެއުޅުން މަނާކުރާކަށް ބޭނުން ނުވާ ކަމަށެވެ.

"ހިޔާލުފާޅު ކުރުން ހުއްޓުވާކަށް ވެސް ނެތިން. ޝުއޫރު ފާޅުކުރަންވީ. އެހެން ނަމަވެސް އެއީ ދެންތިބި މީހުންނަށް ދުއްތުރާއަކަށް ވެގެން ނުވާނެ. ކުރިއަށް ގެންދަވަންވީ އެބޭފުޅުން ވެސް އަޑުއަހަން އަޅުގަނޑުމެންނަށް ކެރޭނެ. ހުއްޓުވާކަށް ވެސް ނެތިން އެކަމަކު އެހެން މީހުން ވެސް ހަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އިދިކޮޅުން ދަނީ ރައީސް ސޯލިހު ދަތުރު ކުރައްވާ ހުރިހާ ރަށެއްގައި މުޒާހަރާކޮށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް މިނިވަންކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅުގެ މުޒާހަރާތައް ކުރިއަށްދާތީ ރައީސް ސޯލިހު މިހާރު ރަށްރަށަށް ވަޑައިގަންނަވަނީ ފުލުހުންނާއި ސިފައިންގެ ފައުޖުތަކާ އެކުގަ އެވެ.