މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައިވަނީ ޝިޔާމްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެ މައްސަލައަކީ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)ގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަ ކަމަށް ބުނާ މައްސަލަ އެވެ.

އެމްއާރުސީސީގެ ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވެ އެވެ. އެގޮތުން، އެމްއެންޑީއެފްގެ މަރުކަޒެއްކަމަށްވާ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ޚާއްސަ އުސޫލެއް ނެތް ނަމަވެސް، އެމްއާރުސީސީގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އެމް.އާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އޭސީސީއަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ހަމައެހެންމެ، ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދަޢުލަތުން ޚަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ޝިޔާމްގެ ބައްޕަ އެމްއާރުސީސީގެ ވީއައިޕީ ގޭގައި ހުރެފައި ވަނީ ޝިޔާމް އަންގައިގެންކަމާއި، ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުން ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިޞިއްޔަތެއް ނެތްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އޭގެއިތުރުން، ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށާއި ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން، ސިފައިންގެ އޮފިސަރެއް ޝިޔާމްގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާތީ އާއި، އެމް.އާރު.ސީ.ސީގެ ވަސީލަތްތަކާއި ޚިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭ ގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާ ކަމަށާއި އަދި މިއީ ޝިޔާމްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާ ގަވައިދާ ޚިލާފަށް އަޙްމަދު ޝިޔާމްގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެ އެވެ.