އެމްޑީޕީގެ އެތެރޭގެ އިންތިހާބު ގަޑުބަޑުކުރުމަކީ އޮތް ފުރުސަތެއް ނޫންކަމަށް ރައީސް ސޯލިހުގެ ކެޕްމެއިން ޓީމުން ބުނެފި އެވެ.
ރައީސް ސޯލިހުގެ ކެޕްމެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ ބާއްވާ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަކީ އެ ޕާޓީގެ އެންމެހައި ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް، އެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މިބަޔާނުގައި ރައްދު ދީފައިވަނީ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޯޓުން ކުރި ހޯދުމަށް ރައީސް ސޯލިހުގެ ޓީމުން ގިނަ ރޭވުންތަކެއް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ހިނގައިފިނަމަ، މާދަމާ ބާއްވާ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދައްކާފައިވާ ވާހަކަތަކަށެވެ.
"އެމްޑީޕީ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ އެންމެހައި ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކެމްޕޭން ޓީމްތަކަށާއި އެންމެހާ ސަޕޯޓަރުންނަށް އިރުޝާދު ދެއްވާފައި،" ބަޔާނުގައިވެއެވެ.
"ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރަޓިކް ދެފުށް ފެންނަ އިންތިހާބީ އުސޫލުތައް ރާއްޖެއަށް ތައާރަފުކުރި މި ޕާޓީގެ އެތެރޭގެ އިންތިހާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެންޑިޑޭޓުންގެ ފަރާތުން އެއްވެސް އަސާސެއްނެތި އެފަދަ ތުހުމަތާ އިލްޒާމު އެޅުވުމަކީ ހިތާމަކުރާ ކަމެއް،" ކެމްޕޭން ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި ޕްރައިމަރީއަކީ ޑިމްކޮރަޓިކް ރޫހުގައި، އެއް އަމާޒަކަށް ވާސިލުމަށް މަސައްކަތްކޮށް، އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ބަދަހި ސިޔާސީ ޕާޓީކަން ދުނިޔެ ދައްކައިދޭން ލިބޭ ފުރުސަތެއް ކަމަށް ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ނެރުނު ބަޔާނުގައިވެ އެވެ.