އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ބެހެއްޓި 249 ފޮށީގެ ތެރެއިން މިހާތަނަށް ދެބައިކުޅަ އެއްބައި ފޮށި ގުނައި ނިމުނު އިރު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފި އެވެ.

އެމްޑީޕީން ވަނީ މިހާތަނަށް 140 ފޮށީގެ ނަތީޖާ ވަނީ މީޑިއާ އަށް އާންމުކޮށްފަ އެވެ. އެ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ވަނީ 12،000 ވޯޓު ލިބިވަޑައިގެންފަ އެވެ. މި އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 6،000 ވޯޓެވެ.

ވޯޓުގެ ނަތީޖާތައް އިއުލާންކުރަން ފެށީއްސުރެ، ރައީސް ސޯލިހު ގެންދަވަނީ 60 ޕަސެންޓްގައި ހިފަހައްޓަވަމުންނެވެ. އަދި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ވޯޓު ގުނައި ނިމުނު އިރު، ރައީސް ސޯލިހު އުޅުއްވަނީ 67 ޕަސެންޓްގަ އެވެ.

މި އިންތިހާބުގައި ރައީސް ސޯލިހުގެ އުފަން ރަށް ޅ. ހިންނަވަރުގައި ބެހެއްޓި ވޯޓު ފޮށިން 553 ވޯޓާއެކު ކުރި ހޯއްދެވީ އެމަނިކުފާނެވެ. މިފޮށިން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ. މިފޮއްޓަށް 567 މީހުން ވޯޓު ލާފައިވެ އެވެ.

މާލޭގައި ބެހެެއްޓި ގދ. ތިނަދޫ ވޯޓުފޮށި ގުނުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދޮންކޮޅު

މިހާތަނަށް ގުނި ފޮށިތަކުން މި އިންތިހާބުގައި ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ވޯޓުލައިފަ އެވެ. މިއީ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި ފަހަރެވެ. ގާތްގަނޑަކަށް 57،000 އަށް ވުރެ ގިނަ މީހުންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

މި އިންތިހާބުގައި ވޯޓު ދީފައި ހުރި ގޮތުން، ބާކީ ހުރި ވޯޓުފޮށިތަކުން ރައީސް ބަލިވުމަކީ ވަރަށް ނާދިރު ކަމެކެވެ. ސަބަބަކީ މިހާތަނަށް ގުނައި ނިމިފައި ހުރި ވޯޓުފޮށިތަކުގެ ތެރޭގައި އާބާދީ ބޮޑެތި ބައެއް ރަށްރަށް ވެސް ހިމެނޭތީ އެވެ. އަދި މިހާތަނަށް ގުނި، އާބާދީ ބޮޑެތި ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވެސް ރައީސް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.

އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަހީދު ވިދާޅުވީ މިރޭ 10:00ގެ ކުރިން ވަގުތީ ނަތީޖާ އިއުލާން ކުރެވޭވަރު ވާނެ ކަމަށެވެ.