އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަމަހުގެ މެދުތެރޭގައި އަރުވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕަސަންގެ ނާއިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އަސާސީ ގަވާއިދުގައިވާ ގޮތަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިއުލާންކުރާނެކަމަށެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރި ހޯއްދެވީ 61.10 ޕަސެންޓުގެ އަގުލަބިއްޔަތަކުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 38.9 ޕަސެންޓެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައިރު، ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. ބައެއް ރަށްރަށުގައި ވަނީ ވޯޓު ކަރުދާސްތައް އުކައި މާރާމާރީ ވެސް ހިންގާފަ އެވެ.